Roadha Mihaaru
އިންޓަ އިން ޔުވެންޓަސް ބަލިކޮށްފި

އިންޓަ އިން ޔުވެންޓަސް ބަލިކޮށްފި

18 ޖެނުއަރީ 2021

މިލާން (ޖެނުއަރީ 18) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އިންޓަ މިލާނުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފި އެވެ.

މިލާން (ޖެނުއަރީ 18) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އިންޓަ މިލާނުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފި އެވެ.

ރޭގެ މޮޅާ އެކު އިންޓަ ވަނީ ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. މިލާނަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 18 މެޗު ކުޅެގެންނެވެ. ހެޑް ޓު ހެޑް ގަވައިދުން މިލާން ކުރީގައި އޮތްއިރު، މިރޭ ކަލިއަރީގެ މައްޗަށް ކުރިހޯދައިގެން މިލާނަށް އަލުން އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ ނަގައިދިން ހުރަހަކުން އިންޓަގެ ފުރަތަމަ ގޯލު ޖެހީ އާޓޫރޯ ވިޑާލް އެވެ. މިއީ މިދިޔަ ހަ އަހަރުތެރޭގައި ވިޑާލް އިޓާލިއަން ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. މި ސީޒަނުގައި ބާސެލޯނާ ދޫކޮށް އިންޓައާ ގުޅުނު ވިޑާލް އެންމެ ފަހުން އިޓާލިއަން ލީގުގައި ގޯލެއް ޖެހީ 2015 ވަަނަ އަހަރު ޔުވެންޓަސް އަށް ކުޅުނުއިރު އެވެ.

ޔުވެންޓަސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނިޓްގައި ބަރޭލާ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަލެސަންދްރޯ ބަސްޓޯނީ އެވެ.

އަންދްރެއާ ޕިރްލޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޔުވެންޓަސް އަށް މި ސީޒަނުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ގިނަ މެޗުތަކެއްގައި އެއް ފެންވަރެއްގެ ރަނގަޅު ކުޅުން ނުދެމެހެއްޓުމެވެ. ރޭގެ މެޗުން ބަލިވިއިރު އެންމެ ފަހުގެ ޔުވެންޓަސް ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް މިލާނާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޔުވެންޓަސް އަށް ތިން ލީގު ތަށި ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަ އަންނަނީ މި ފަހަރު ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.