Roadha Mihaaru
އިންޓަ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް

އިންޓަ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް

15 މާޗް 2021

މިލާން (މާޗް 15) - އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާން ރޭ ނަޕޯލީ އަތުން 1-0 އިން ބަލިވުމުން އެއް ވަނައިގައި އިންޓަ މިލާނަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

މިލާން (މާޗް 15) - އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް އޭސީ މިލާން ރޭ ނަޕޯލީ އަތުން 1-0 އިން ބަލިވުމުން އެއް ވަނައިގައި އިންޓަ މިލާނަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ރޭ ޓޮރިނޯ އަތުން 2-1 އިން މޮޅުވި އިންޓަ އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ކަލިއަރީ އަތުން ރޭ 3-1 އިން ހޯދި މޮޅާ އެކު އެވެ. ޔުވެންޓަސް އަށް 26 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. މެޗު ހަމަކުރާއިރު ދެ ވަނަ އަށް އެރުމުގެ ފުރުސަތު ޔުވެންޓަސް އަށް އެބައޮތެވެ.

ޓޮރިނޯ ދަނޑުގައި ރޭ އިންޓަ އިން ލީޑުނެގީ މެޗުގެ 62 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ޕެނަލްޓީންނެވެ. އޭގެ އަށް މިނިޓް ފަހުން ޓޮރިނޯގެ އެންޓޯނިއޯ ސަނާބްރިއާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިންޓަ މޮޅުވީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލަޓާރޯ މާޓީނޭޒް ޖެހި ގޯލުންނެެވެ. މިއީ މި ފަހަރު ލީގުގައި މާޓީނޭޒް ޖެހި 15 ވަނަ ގޯލެވެ.

މިލާން ކޮޅަށް ރޭގެ މެޗުގައި ނަޕޯލީގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 49 ވަނަ މިނިޓްގައި މަަޓެއޯ ޕޮލިޓާނޯ އެވެ. އޭނާ މި ގޯލު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ ދިން ބޯޅައަކުންނެވެ. މިލާން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ ކްރޮއޭޝިއާގެ ފޯވާޑް އަންޓޭ ރެބިޗަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ލީގުގެ 17 ވަނައިގައި އޮތް ކަލިއަރީ ކޮޅަށް ޔުވެންޓަސްގެ ތިން ގޯލު ވެސް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 33 މިނިޓް ތެރޭގަ އެވެ. ކަލިއަރީގެ ހަމައެކަނި ގޯލު ޖެހީ ޖިއޮވާނީ ސިމިއޯނީ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ރޮނާލްޑޯ ވަނީ ރަސްމީ މެޗުތަކުގައި 770 ގޯލު ހަމަކޮށް ޕެލޭގެ ރެކޯޑް މުގުރާލައިފަ އެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖެހި ގޯލުތަކުގެ އަދަދަކީ 767 އެވެ. ރަސްމީ މެޗުތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ އޮސްޓްރިއާ އާއި ޗެކޮސްލޮވާކިއާގެ ފޯވާޑް ޖޯސެފް ބިކާން އަތުގަ އެވެ. އޭނާ ވަނީ ރަސްމީ މެޗުތަކުގައި 821 ގޯލު ޖަހައިފަ އެވެ.