Roadha Mihaaru
އިންޓަ ބަލިކޮށް ޔުވެންޓަސް އަށް ހިތްހަމަޖެހުމެއް

އިންޓަ ބަލިކޮށް ޔުވެންޓަސް އަށް ހިތްހަމަޖެހުމެއް

07 ނޮވެމްބަރ 2022

މި ސީޒަނުގައި ފޯމުން ކަޓާފައިވާ ޔުވެންޓަސް އިން އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓަ މިލާން 2-0 އިން ބަލިކޮށް އެނބުރި އައުމުގެ އުއްމީދެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ސީޒަނުގައި ފޯމުން ކަޓާފައިވާ ޔުވެންޓަސް އިން އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓަ މިލާން 2-0 އިން ބަލިކޮށް އެނބުރި އައުމުގެ އުއްމީދެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޔުވެންޓަސް ވަނީ ފަސް ވަނަ އަށް އަރައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. އިންޓަ އޮތީ 24 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

ތާވަލުގެ އެއް ވަނައިގައި 35 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ދެ ވަނައިގައި 29 ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ. އަދި ތިން ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ ރޭ ރޯމް ޑާބީގައި ރޯމާ އަތުން 1-0 އިން މޮޅުވި ލާޒިއޯ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި އޮތީ އެޓަލާންޓާ އެވެ.

ރޯމާ އޮތީ 25 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ފަސް ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބި ކަޓާފައިވާ ޔުވެންޓަސް އިން އިންޓަ އަތުން މޮޅުވުމަކީ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އިންޓަ އިންނެވެ. ޔުވެންޓަސް އިން ލީޑު ނެގީ 52 ވަނަ މިނެޓުގައި އެޑްރިއަން ރަބިއޯ ޖެހި ގޯލުންނެވެ. މިއީ ކައުންޓާ އެޓޭކެއްގައި ފިލިޕް ކޮސްޓިޗް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

އޭގެ ފަހުން ޔުވެންޓަސްގެ ކެޕްޓަން ޑަނީލޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް އިން ޗެކްކުރުމަށް ފަހު ރެފްރީ ވަނީ އެ ބޯޅަ އަތުގައި ޖެހުނު ކަމަށް ބަލައި ކެންސަލްކޮށްފަ އެވެ.

ޔުވެންޓަސްގެ ފަހު ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ނިކޯލޯ ފަގިއޯލޯ އެވެ. މިއީ ވެސް ކޮސްޓިޗް އުފެއްދި ހަމަލާއެކެވެ.

ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ލީގުގައި އެދެވޭ ނަތީޖާއެއް ނުހޯދޭ އިންޓަގެ ކޯޗު ސިމޯނީ އިންޒާގީ ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ކަމަށާއި އެވަރަށް ފުރުސަތު ހޯދައި ލަނޑެއް ނުޖެހުމަކީ މައްސަލައެއް ކަމަށެވެ.

"ވާދަވެރި ޓީމެއްގެ އަތުން ބޮޑު މެޗެއްގައި މިގޮތަށް ބަލިވުމުން މާޔޫސްވޭ،" އިންޒާގީ ބުންޏެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޯމާ އަތުން ލާޒިއޯ މޮޅުވި 29 ވަނަ މިނެޓުގައި ފެލިއްޕެ އެންޑަސަން ޖެހި ގޯލުންނެވެ.