Roadha Mihaaru
މިލާނުން ލީޑު ދެމެހެއްޓިއިރު، ޔުވެންޓަަސް އަށް މޮޅެއް

މިލާނުން ލީޑު ދެމެހެއްޓިއިރު، ޔުވެންޓަަސް އަށް މޮޅެއް

31 ޖެނުއަރީ 2021

މިލާން (ޖެނުއަރީ 31) - އިޓާލިއަން ލީގުގެ ރޭ ބޮލޯނިއާ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން އެއް ވަނައިގައި ލީޑުދެމެހެއްޓިއިރު، ސަމްޑޯރިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިލާން (ޖެނުއަރީ 31) - އިޓާލިއަން ލީގުގެ ރޭ ބޮލޯނިއާ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން އެއް ވަނައިގައި ލީޑުދެމެހެއްޓިއިރު، ސަމްޑޯރިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު މިލާން އެއް ވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާން ވަނީ ރޭ ކުޅުނު މެޗުން 4-0 އިން ބެނެވެންޓޯ ބަލިކޮށްފަ އެވެ. އިންޓަ އަށް 20 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ތިން ވަނަ އަށް އެރީ 19 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

މިލާނަށް ރޭގެ މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އަންޓޭ ރެބިޗް އެވެ. ޕެނަލްޓީ އަކުން މިލާންގެ ޒަލަޓާން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ ބޮލޯނިއާގެ ކީޕަރު ލޫކަސް ޝްކޮރުޕްސްކީ އަތުގައި ޖެހިފައި ނުކުތްވަގުތު ރެބިޗް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ފްރޭންކް ކެސީ ވަނީ ޕެނަލްޓީ އަކުން މިލާނުގެ ލީޑުފުޅާކޮށްދީފަ އެވެ. ބޮލޯނިއާގެ ހަަމައެކަނި ގޯލު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ އަންދްރެއާ ޕޮލީ އެވެ.

ސަމްޑޯރިއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ ފެޑެރީކޯ ޗިއޭސާ އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖެހީ އާރޮން ރަމްސޭ އެވެ. ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ބެނެވެންޓޯ ކޮޅަށް އިންޓަގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ. ލަޓާރޯ މާޓިނޭޒް ވެސް ލަނޑެއް ޖެހިއިރު، އަނެއް ގޯލަކީ ބެނެވެންޓޯގެ ރިކާޑޯ އިމްޕޮރާޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.