Roadha Mihaaru
"އެޗްޕީއޭ އުސޫލަށް އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް"

އެޗުޕީއޭ ގައިޑްލައިނަށް ތަބާވެގެން އިންތިހާބު ބާއްވަން އިތުރު 51 މިލިއަން ރުފިޔާ ބޭނުންވާނެ: އީސީ

20 ޖެނުއަރީ 2021

ކޮވިޑް-19ގެ މި ހާލަތުގައި ރައްކާތެރިކަމާ އެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާކާފައިވާ އުސޫލާ އެއްގޮތަށް ކަންތައްތައް ކުރެވޭނެ ފަދަ ބަޖެޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ނެތް ކަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ އިތުރު 51 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީއާ އެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެޗުޕީއޭ އިން އެކުލަވާލާފައިވާ "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާ އެކު އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" ގެ ޑްރާފްޓުގައި ހިމެނޭ ކަންކަމާ މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފަ އެވެ.

"މި އުސޫލަށް ބަލާ ނަމަ، އަޅުގަނޑުމެންނަށް އަދި އިތުރު 51 މިލިއަން ރުފިޔޭ ލިބިގެން މި ގައިޑްލައިންއާ އެއްގޮތަށް އިންތިހާބު ބޭއްވޭނީ،" -- އީސީ މެމްބަރު އިސްމާއިލް ހަބީބު އަބްދުއްރަހީމް

އީސީގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުއްރަހީމް، އެ ބައްދަލުވުމުގައި ވިދާޅުވީ، އެޗުޕީއޭ އިން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވޭ ވަރުގެ ބަޖެޓެއް އީސީގައި ނެތް ކަމަށެވެ. އެ އުސޫލުގައިވާ ގޮތަށް ކަންތައްތައް ކުރާ ނަމަ އިންތިހާބުގެ ބަޖެޓަށް އިތުރު 51 މިލިއަން ރުފިޔާ ހަމަޖައްސަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އީސީ އާއި  ގައުމީ ލަފާދޭ ކޮމިޓީއާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީސީ އާއި ގައުމީ ލަފާދޭ ކޮމިޓީއާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތިހާބު ބާއްވަން ހަރަދުބޮޑުވާ ކަންކަމުގެ ތެރޭގައި ރަށްރަށަށް ދާ އީސީގެ ޓްރެއިނަރުން 10 ދުވަހު ކަރަންޓީންވާން ޖެހުމާއި ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ހަދަން ޖެހުން ވެސް ހިމެނެ އެވެ. ރަށެއްގައި 10 ދުވަހަށް ކަރަންޓީންވާ ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް 10،000 ރުފިޔާ އީސީން ދޭން ޖެހޭނެ އެވެ.

ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ރަށްރަށަށްދާ އިރު މިކަން ކަން ކުރަން ނުޖެހޭ ކަން ފާހަގަކޮށް، ރައްކާތެރިކަމުގެ އުސޫލުތައް ކަނޑައަޅާ އިރު ހަމަހަމަކަން ގެންގުޅެން ޖެހޭނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އީސީ އާއި  ގައުމީ ލަފާދޭ ކޮމިޓީއާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އީސީގެ ބައެއް އިސްވެރިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީސީ އާއި ގައުމީ ލަފާދޭ ކޮމިޓީއާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އީސީގެ ބައެއް އިސްވެރިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑް-19 ގެ ވެކްސިންތައް، އިންޑިއާ އިން ރާއްޖެއަށް މިއަދު ގެންނަކަން ފާހަގަކޮށް، ވެކްސިން ދޭއިރު، މި އިންތިހާބުގައި ހަރަކާތްތެރިވާ މީހުންނަށް ވެކްސިން ދޭން އޭނާ އެދިވަޑައިގަތެވެ. އޭރުން ވެސް އިންތިހާބު ބޭއްވުމުގެ ކަންތައްތައް މިހާރަށް ވުރެ ރައްކާތެރިކޮށް ކުރިއަށް ދިއުން އެކަށީގެން ވާނެ ކަމަށް ވިދާޅުވި އެވެ. މި އުސޫލު ފާސްކުރާނީ، އެޗްޕީއޭ އާއި އީސީ އާއި މި ކަމުގައި ހިއްސާ އޮންނަ އެހެން އިދާރާތަކާއި އެކު މަޝްވަރާކުރުމަށް ފަހު އެވެ.

މި ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ދުވަހަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އީސީ އިން ހުށަހެޅީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ނުވަތަ 10 ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. އިންތިހާބުގެ ތާރީޚު ކަނޑައަޅާނީ އީސީގެ އިތުރު ބައްދަލުވުމެއް ބާއްވާފަ އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމުން ސަރުކާރުން މިދިޔަ މާޗު މަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އިންތިހާބު ފަސްކުރަން ޖެހުނީ، ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ގާނޫނުގައި ވާތީ އެވެ. ނަމަވެސް އެ ހާލަތުގައި އިންތިހާބު ބޭއްވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.