Roadha Mihaaru
ކަރަންޓީންނުވެ ކެމްޕެއިނަށް ރަށްރަށަށް ދެވޭގޮތް ހަދައިފި

ކަރަންޓީނު ނުވެ ކެމްޕެއިނަށް ރަށްރަށަށް ދެވޭ ގޮތް ހަދައިފި

11 މާޗް 2021

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެ އިން ރަށްރަށަށް ދަތުކުރާއިރު، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް މާލެ އިން ރަށްރަށަށް ދަތުކުރާއިރު، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

"ކޮވިޑުގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" އަށް ގެނައި ފުރަތަމަ އިސްލާހުގައި ބުނީ ތާއިދު ހޯދުމާއި ކެމްޕެއިނުގެ ހަރަކާތްތައް ކުރިއަށް ގެންދަން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ވާނީ އެޗްޕީއޭ އިން އެ ކަމަށް ކަނޑައަޅައި އާއްމުކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައި ކުރިން ބުނެފައި ވަނީ ތާއިދު ހޯދުމާއި ކެމްޕެއިނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ނަމަ ކަރަންޓީން ކުރުމާއި ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

ހޯމް ކަރަންޓީނުގެ މުއްދަތަކީ 10 ދުވަހެވެ.

ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރަން ހަމަޖައްސާ ހާއްސަ ގައިޑްލައިންގެ ދަށުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން އުސޫލާ ހިލާފުވެއްޖެ ނަމަ ދެން އެ ފަރާތަކުން ދަތުރުކުރުމުގައި އަމަލު ކުރަން ޖެހޭނީ ކަރަންޓީނުގެ އުސޫލަށް ކަމަށް، ފަހުން ގެނައި އިސްލާހުގައި ބުންޏެވެ.

ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް 4 ގަ އެވެ. އޭގެ ފަހުން ތާރީހުތަކެއް ހަމަޖެއްސި ނަމަވެސް ކޮވިޑު-19 އާ ހެދި އިންތިޚާބު ލަސްވެގެން ދިޔައީ އެވެ. މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 10 ގައި އިންތިޚާބު ބާއްވާށެވެ.

އެކަމަކު، އިންތިޚާބަށް ބޯމަތިވިއިރު، ކެމްޕެއިން ކުރުމުގައި ހުރަސްތަކެއް ހުރިކަމުގެ ޝަކުވާ ޕާޓީތަކުން ދިޔައީ ކުރަމުންނެވެ. އެގޮތުން، އިންތިޚާބުގެ ކެމްޕެއިނަށް މާލެ އިން ރަށްރަށަށް ދަތުރުކުރާ ކޮންމެ ފަހަރަކު ކަރަންޓީނު ވާން ޖެހުމަކީ ފުރިހަމަ ކެމްޕެއިނެއް ކުރުމަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ. ހާއްސަކޮށް އިިދިކޮޅު ކޯލިޝަންގެ ފާޑުކިޔުންތައް އެޗްޕީއޭއަށް އަމާޒުވި އެވެ.