Roadha Mihaaru
ފޯނު ވިޔަފާރިން އެލްޖީއަށް ގެއްލުން؛ ހުއްޓާލަފާނެ

ފޯނު ވިޔަފާރިން އެލްޖީއަށް ވަނީ ގެއްލުން؛ ހުއްޓާލަން ވިސްނަނީ

21 ޖެނުއަރީ 2021

ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެލްޖީ އިލެކްޓްރޯނިކްސް އިން ސްމާޓްފޯނު އުފެއްދުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެލްޖީ އިލެކްޓްރޯނިކްސް އިން ސްމާޓްފޯނު އުފެއްދުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ވިޔަފާރީގެ ތެރެއިން ކުންފުންޏަށް ފައިދާއެއް ނުވެ އެވެ. އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 4.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް ބުންޏެވެ. ގޭތެރޭ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު އުފައްދަން މަޝްހޫރު އަދި އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑެއްގެ ގޮތުގައި އޮތް އެލްޖީ އަށް ސްމާޓްފޯން މާކެޓްގައި ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ހާއްސަކޮށް، ދެކުނު ކޮރެއާ ސެމްސަންގާއި ޗައިނާގެ ވާވޭ ފަދަ ކުންފުނިތަކާ ވެސް ވާދަކުރެވޭ ވަރުގެ އުފެއްދުންކެއް ސްމާޓްފޯނުގެ މާކެޓްގައި އެލްޖީ އަށް ގެނެސް ނުދެވުމަކީ އެ ކުންފުނީގެ އެ ވިޔަފާރި ސުވާލުތަކެއްގެ ވެއްޓުނު ކަމެކެވެ.

ސެމްސަންގާއި އެޕަލް އާއި ވާވޭ ފަދަ ކުންފުނިތަކަކީ މިހާރުގެ މާކެޓަށް ބަލާ އިރު ސްމާޓްފޯނުގެ މާކެޓްގައި އާންމުން އެންމެ ބޮޑަށް އިތުރުބާރު ކުރާ ކުންފުނިތަކެވެ. އަދި އާންމުންގެ ތެރޭގައި މިހާރު އެންމެ މަގުބޫލީ ވެސް އެ ބްރޭންޑްތަކުގެ ފޯނުތަކެވެ.

ސްމާޓްފޯނުގެ ވިޔަފާރި ދޫކޮށްލަން އެލްޖީން ވިސްނަމުންދާތީ ކުންފުނީގެ ސީއީއޯ ވޮން ބޮންގް-ސިއޮކް ވަނީ މުވައްޒަފުންނަށް އެކަން މެމޯއަކުން ވެސް އަންގައިފަ އެވެ. އެ މެމޯގައިވާ ގޮތުން ސްމާޓްފޯނު އުފެއްދުމުގެ ދާއިރާ މިހާރު އޮތް ހިސާބަށް ބަލާ އިރު އެލްޖީ އޮތީ ވަރަށް ފަހަތުގަ އެވެ. އެހެންވެ މާކެޓްގައި ވާދަނުކުރޭ މަސައްކަތެއްގެ ތެރޭގައި ދެމިތިބުމާ ދޭތެރޭ ކުންފުނިން އަންނަނީ ވިސްނަމުންނެވެ.

"އެހެންވީމާ ސްމާޓްފޯނު އުފެއްދުން އެއްކޮށް ހުއްޓާލާނީތޯ ނޫނީ އަހަރެމެންގެ މަސައްކަތާއި އުފެއްދުންތަކަށް ބަދަލުތަކެއް ގެންނަން ބޮޑެތި މަސައްކަތްތަކެއް ކުރާނީތޯ ނޫނީ ސްމާޓްފޯނުގެ ޕްރޮޑަކްޝަން ދަށްކުރާނީތޯ މިއީ ކުންފުނިން މިހާރު ވިސްނަމުންދާ ކަމެއް." މެމޯގައިވެ އެވެ.

އެލްޖީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސްމާޓްފޯންގެ މާކެޓް މި އަހަރަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތައް އެ ކުންފުނިން ވަރަށް ބޮޑަށް ދިސާރާކުރާނެ އެވެ.

"އެއަށް ފަހު މިކަމުގައި ގޮތެއް ނިންމާނެ. މި ވަގުތު އަދި ސީދާ ވަކި ގޮތެއް ނިންމާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މޮބައިލް ފޯނުގެ ވާދަވެރި މާކެޓާއި އަދި ސްމާޓްފޯނު ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ކުރިން ވެސް ވަނީ ބައެއް ބްރޭންޑްތައް އިނދަޖެހިފަ އެވެ. އޭގެ ތެރޭގައި ނޮކިއޯ އާއި ބްލެކްބެރީ އާއި މޮޓޮރޯލާ ފަދަ ކުރީގެ މަގުބޫލު ބްރޭންޑްތައް ހިމެނެ އެވެ.

އެލްޖީން ސްމާޓްފޯނުގެ ވިޔަފާރި ކުރިއަށް ގެންދިއުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަމުން އަންނަ އިރު އެ ކުންފުނިން ވަރަށް ފަހުން ވަނީ ދެ ޑިސްޕްލޭ ހިމެނޭ ރޯލަބަލް ފޯނެއް ވެސް ދައްކާލައިފަ އެވެ.

އަދިވެސް ތަރައްގީކުރުމުގެ މަރުހަލާގައި އޮތް އެ ފޯނު ރަސްމީކޮށް ދައްކައިލީ މި މަހުގެ 11-14 އަށް ބޭއްވި މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގަ އެވެ. "އެލްޖީ ވިންގް" ގެ ނަން ދީފައިވާ އެ ފޯނު ދައްކައިލި ނަމަވެސް މިއީ މާކެޓަށް ނެރެން އުޅޭ ފޯނެއްތޯ އެލްޖީން ކަށަވަރެއް ނުކޮށްދެ އެވެ.