Roadha Mihaaru
ވެރިޔާ ކޮރުޖަހާތީ ކުއްތާ ވެސް ހިނގަނީ އެގޮތަށް

ވެރިމީހާ ކޮރުޖަހަމުން ހިނގާތީ އޭނާގެ ކުއްތާ ވެސް ހިނގަނީ އެގޮތަށް

23 ޖެނުއަރީ 2021

މީހެއްގެ ފައި ބިނދިގެން ޕްލާސްޓަރު އަޅައި، އަސާގެ އެހީގައި ކޮރުޖަހަމުން ހިނގާތީ އޭނާގެ ކުއްތާ ވެސް ކޮރުޖަހަން ފެށުމުން އޭތި ޑޮކްޓަރަށް ދެއްކުމުން އެއީ ވެރިމީހާ ކޮޕީކުރަން ކުރަނީކަން އެނގިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހެއްގެ ފައި ބިނދިގެން ޕްލާސްޓަރު އަޅައި، އަސާގެ އެހީގައި ކޮރުޖަހަމުން ހިނގާތީ އޭނާގެ ކުއްތާ ވެސް ކޮރުޖަހަން ފެށުމުން އޭތި ޑޮކްޓަރަށް ދެއްކުމުން އެއީ ވެރިމީހާ ކޮޕީކުރަން ކުރަނީކަން އެނގިއްޖެ އެވެ.

ޕެޓެއްގެ ގޮތުގައި "ބިލީ" ނަމަކަށް ކިޔާ ކުއްތާ ގެންގުޅޭ ރަސަލް ޖޯންސް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެ ތަޖުރިބާ ކިޔައިދެމުން ބުނީ އޭނާގެ ކުއްތާ ކޮރުޖަހަމުން ހިނގަން ފެށީ ހަމްދަރުދީވުމުގެ ގޮތުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކުއްތާ އަކީ އަބަދު ވެސް އެ ގެންގުޅޭ ބަޔަކު ދެކެ ވަރަށް ލޯބިވާ ވަރަށް ވަފާތެރި ޖަނަވާރެއްކަން މި ހާދިސާ އިން ވެސް އިތުރަށް ކަށަވަރުވެފައިވާ ކަމަށް ބުންޏެވެ.

"އެއް ދުވަހަކު އަހަރެން ބޭރުގައި އުޅެފައި ގެއަށް އައިތަނާ ހަމަ ފަހަތުން ބިލީ ހިނގަނީ ކޮރުޖަހަމުން. އެކަމަކު ދެން އެކަން މާ ބޮޑު ކަމަކަށް ނަހަދައި ހުއްޓައި ޖެހިގެން އައި ދުވަހު އަނެއްކާ އަންހެނުންނަށް ވެސް އެކަން ފާހަގަކުރެވިގެން ބުނެފި ބިލީ ހިނގަނީ ކޮރުޖަހަމުން ނޫންހޭ. ފަޔަށް އަނެއްކާ ގެއްލުމެއް ވީހޭ،" ރަސަލް ބުންޏެވެ. "އޭގެ ފަހުން ވެސް އަހަންނާ އެކު އުޅޭ ކޮންމެ ވަގުތެއްގައި ބިލީ ހަމަ ހިނގަނީ ކޮރުޖަހަމުން."

އޭނާ ބުނީ އަންހެނުން މިޝަލް އަށް ބިލީ ކޮރުޖަހާކަން ފާހަގަކުރެވިގެން އެ ވާހަކަ ދެއްކުމުން ވަރަށް ކަންބޮޑުވި ކަމަށާއި އެ ހިސާބުން، ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރެއް ގާތަށް ބިލީ ގެންދިޔައީ ކަމަށެވެ.

"ދެން ޑޮކްޓަރު ބަލައި އެކްސް-ރޭއާ އެއްޗެހި ނަގައި ޓެސްޓް ހަދާފައި ވިދާޅުވަނީ ނެތޭ އެއްވެސް ގެއްލުމެއް ބިލީގެ ފަޔަކަށްވެފައެއް. ކޮރުޖަމުން ބިލީ ހިނގަނީ އަހަރެން ކޮޕީކުރަންވެގެންނޭ ޑޮކްޓަރު ވިދާޅުވީމަ އަހަންނާއި އަންހެނުންނަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ތިބެވުނީ،" ރަސަލް ބުންޏެވެ. "ދެން ވަރަށް ހިނި ވެސް އައި. އަދި އެންމެ ބޮޑަށްވީ އުފާ. އެއީ އަހަރެމެން ދެކެ ބިލީ ކިހާ ލޯބިވާކަން އެނގުނީމަ."

ރަސަލް ކޮރުޖަހަމުން ހިނގާތީ ބިލީ އެކަން ކޮޕީކުރުމުން ޑޮކްޓަރަށް ދައްކަން 300 ޕައުންޑް (411 ޑޮލަރު) ޑޮލަރުގެ ހޭދައެއް ވެސް ކިރަން ޖެހުނެވެ.

"އެ ފައިސާ އަކީ ބޭކާރު އެއްޗެއް ނޫން. އެއީ ހަމަ ލޯބި." ރަސަލް ބުންޏެވެ.