Roadha Mihaaru
މައުމޫން ހާޒިރުނުކުރަނީސް ވާހަކައެއް ނުދައްކާނަން: ޖާބިރު

ތަހުގީގުގައި ދެން ވެސް ވާހަކަ ދައްކާނީ މައުމޫން ހާޒިރުކުރުމުން: ޖާބިރު

24 ސެޕްޓެމްބަރ 2019

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހަށް އޭނާ ހުށަހެޅުއްވި މައްސަލައިގެ ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވާނީ އެމަނިކުފާނާ އެކުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހަށް އޭނާ ހުށަހެޅުއްވި މައްސަލައިގެ ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވާނީ އެމަނިކުފާނާ އެކުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫންއާ ދެކޮޅަށް ޖާބިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅުއްވީ އަނބުރާ ދައްކަވާ ގޮތަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ އޭނާގެ އަތުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ވިދާޅުވެ އެވެ. އެކަމަކު މި ތުހުމަތު މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ ދޮގުކޮށްފަ އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމުން ތަހުގީގަށް އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއްވީ ފުލުސް އޮފީހުގައި މައުމޫން ހާޒިރުވެވަޑައިގެން ނެތުމުން ކަމަށެވެ.

"އޭގައި އޮންނާނެ ގޮތަކީ އަޅުގަނޑާ އެކު މައުމޫން ވެސް އިންނަވަން ޖެހިވަޑައިގަންނަވާނެ ފުލުސް އޮފީހުގައި. މައުމޫން ހާޒިރުކޮށްފައި ނެތީމަ އަޅުގަނޑު ވާހަކަ ދައްކަން ބޭނުން ނުވީ،" މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ، ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރާއި މައުމޫން: މައުމޫންއާ ދެކޮޅަށް ޖާބިރު ހުށަހެޅުއްވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.

ޖާބިރާއި މައުމޫން: މައުމޫންއާ ދެކޮޅަށް ޖާބިރު ހުށަހެޅުއްވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.

ޖާބިރު ވިދާޅުވި ގޮތުގައި ތަހުގީގާ ގުޅޭ ގޮތުން މައުމޫންއާ ވާހަކަ ދައްކަވާނެ އެވެ. ފުލުސް އޮފީހަށް ދެން ވަޑައިގަންނަވާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކަ ދޮގުކޮށް، އެމްއާރުއެމުން ބުނެފައި ވަނީ އޭނާ އެއްވެސް ފައިސާއެއް މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން ނުބެލި އެވެ. އެއީ، އެ މައްސަލައިގައި އެއްވެސް ހެއްކެއް ހުށަަހަޅާފައި ނެތުމުންނެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ ހެއްކާ އެކުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވާ ގޮތުގައި، ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ. އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާނެ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.