Roadha Mihaaru
އަންހެނުންނަށް ގޮނޑި ޚާއްސަކުރި ހުކުމް ސުޕްރީމް ކޯޓަށް

އަންހެނުންނަށް ގޮނޑި ޚާއްސަކުރުން ރަނގަޅު ކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ

25 ޖެނުއަރީ 2021

އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ޚާއްސަކުރި ރަނގަޅަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ޚާއްސަކުރި ރަނގަޅަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުން އިއްޔެ ނިންމީ އެއީ ގާނޫނުއަސާސީ އެއްގޮތަށް ގެނައި ބަދަލެއް ކަމަށެވެ.

އެ ހުކުމާ ގުޅިގެން މޫސާ އަންވަރު ކުރި ޓްވީޓެއްގައިވަނީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާ ގުޅޭ ބާބު ކަފުން ކުރަން ފުރުސަތު ލިބޭ ކަމަށެވެ. އަދި އެ ހުކުމް އޮތީ ގާނޫނު މާނަ ކުރުމުގެ ހަމަތަކާއި އަދުލު އިންސާފުގެ ހަމަތަކާ ވެސް މުޅިން ޚިލާފަށް ކަމަށާއި އެހެން ގައުމުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައަޅާފައިވާ ގޮތަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް މޫސަގެ ޓްވީޓްގައިވެ އެވެ.

އަންހެނުންނަށް ގޮނޑި ޚާއްސަކުރުމަކީ އިންތިޚާބީ ހައްގަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ އެންމެ ފުރަތަމަ މޫސަގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ވެސް ސުޕްރީމް ކޯޓަށެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ އެންގީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ.