Roadha Mihaaru
އިންތިޚާބަށް ހުޅުވާލުން: މައްސަލަ ބަލައެއްނުގަތް

އިންތިޚާބަށް އަލުން ހުޅުވާލުން: ހައި ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

07 އެޕްރީލް 2021

ލޯކަލް ކައުންސިލް އިންތިޚާބަށް އަލުން ހުޅުވާލަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބަށް އަލުން ހުޅުވާލަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން އެއް އަހަރަށް ފަސް ކުރިޔަސް، އެ އިންތިޚާބާ ބެހޭގޮތުން ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ ބުނާގޮތުން އެ އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވައެއް ނުލެވޭނެ އެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ މިދިޔަ އަހަރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނެވެ.

ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމްގެ ފަރާތުން މިދިޔަ އަހަރު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އޭރު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ހައި ކޯޓުން ބެލޭނެ މައްސަލައަކަށް ވާތީ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމަށެވެ.

ހައި ކޯޓަށް ތަސްލީމްގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައިގަތެވެ. އެކަމަކު މިދިޔަ މަހު ހުކުމްކުރީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނެތް ކަމަށެވެ. ހައި ކޯޓުން ނިންމީ ގައުމުގެ ހާލަތު އޮތްގޮތުން އެ މައްސަލަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެހެންވެ، ދެވަނަ ފަހަރަށް ތަސްލީމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިިސްޓްރާ އިއްޔެ އަނެއްކާވެސް ނިންމެވީ އެއީ ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ މައްސަލައަކަށް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ކަމަށެވެ.

ކޯޓުތަކާބެހޭ ގާނޫނު ބުނާގޮތުން ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ހުށަހަޅާ ދުސްތޫރީ މައްސަލަތައް ހައި ކޯޓާއި ސުޕްރީމް ކޯޓަށް ބެލޭނެ އެވެ. އެކަމަކު ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބަލަން ޖެހޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށް އެ ގާނޫނުގެ 11 ވަނަ މާއްދާގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމީ މިއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ބުނަނީ އެއީ އެފަދަ މައްސަލައެއް ނޫން ކަމަށެވެ.