Roadha Mihaaru
އިންތިޚާބު އެޕްރީލް 10 ގައި ބާއްވަން ނިންމައިފި

ކައުންސިލް އިންތިޚާބު އެޕްރީލް 10 ގައި ބާއްވަން ނިންމައިފި

26 ޖެނުއަރީ 2021

ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އެޕްރީލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އެޕްރީލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފި އެވެ.

އީސީން އިންތިޚާބު އިއުލާންކުރީ އެ ކޮމިޝަންގައި މިހާރު ކުރިއަށްދާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެޕްރީލްގައި އިންތިޚާބު ބާއްވަން މި ނިންމީ އިންތިޚާބުގެ ތާރީޚާ ގުޅޭ ގޮތުން ކޮމިޝަންގައި ހުރި ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ފަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން، މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް ވުރެން އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން ހުރި އުނދަގޫތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ ކަމަށެވެ. ދަތިތައް ހުއްޓަސް ކޮމިޝަނުން މަސައްކަތް ކުރާނީ މިހާރު އިއުލާންކޮށްފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައި ނިންމަން ކަމަށް ވިދާޅުވި އެވެ.

މި އިންތިޚާބުގައި 735 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތުގަ އެވެ.

ކައުންސިލްތަކަށް 982 ކެންޑިޑޭޓުން އިންތިޚާބު ކުރަން ޖެހޭއިރު 4،000 އަށް ވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލި އެވެ.

އީސީން ކުރިން ތާވަލްކޮށްފައި އޮތީ މާޗް ހައެއްގައި އިންތިޚާބު ބާއްވާށެވެ. އެކަމަކު އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގައި، އިންތިޚާބުގެ ތައްޔާރީތައް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ލިއެފައި އޮތުމުން އެ މުއްދަތުގައި ނުބޭއްވުނީ އެވެ. މަޖިލީހުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.