Roadha Mihaaru
އިންތިހާބުތައް ފަސްކުރުން އިންސާފުވެރިއެއް ނޫން: ފުއާދު

ކޯޓުތައް މެދުވެރިކޮށް އިންތިހާބުތައް ފަސްކުރުން އިންސާފުވެރިއެއް ނޫން: ފުއާދު

22 ނޮވެމްބަރ 2016

އިންތިހާބުތައް ބާއްވަން ޖެހޭނެ މުއްދަތު ގާނޫނުތަކުގައި ކަނޑައަޅާފައި އޮއްވައި ވަކި ބަޔަކަށް ފައިދާ ހޯދަން ކޯޓުތައް މެދުވެރިކޮށް އިންތިހާބުތައް ލަސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިހާބުތައް ބާއްވަން ޖެހޭނެ މުއްދަތު ގާނޫނުތަކުގައި ކަނޑައަޅާފައި އޮއްވައި ވަކި ބަޔަކަށް ފައިދާ ހޯދަން ކޯޓުތައް މެދުވެރިކޮށް އިންތިހާބުތައް ލަސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައި ވަގުތީ އަމުރަކުން ރީ ރެޖިސްޓްރޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވާލާފައިވާތީ ފުއާދު ވަނީ "ސަަންގު" ޓީވީގައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ބާރު ލިބިފައިވާ ބަޔަކަށް އިންތިހާބަށް ތައްޔާރު ނުވެވޭތީވެ، ކޯޓުތައް މެދުވެރިކޮށް އިންތިހާބުތައް ފަސް ކުރުމަކީ އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުން ކަންބޮޑުވާން ޖެހެނީ، ފުއާދު ވިދާޅުވި ގޮތުގައި، 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް އެކަށީގެންވާ ސަބަބުތަކެއް ނެތި ގާނޫނުގައި އޮންނަ ތާރީހަށް ވުރެން އިންތިހާބު ފަސްކޮށްފައިވާތީ އެވެ. އެ އިންތިހާބަށް ގައިޑްލައިނެއް ކަނޑައަޅައި އިންތިހާބު ފަސްކުރީ ސުޕްރީމް ކޯޓުގެ އަމުރަކުންނެވެ.

"އިންތިހާބުތައް އޮންނަ ތާރީހަށް ވުރެ ލަސްކުރުމަކީ ގާނޫނުއަސާސީ ވެސް ހުއްދަކުރާ ކަމެއް ނޫން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި އޭނާ ރައީސް ކަމުގައި ހުންނެވިއިރު އިލެކްޝަންސް ކޮމިޝަނަށް ނުފޫޒެއް ނެތެވެ. ކޮމިޝަން ހިނގަމުން ދިޔައީ، ކޮންމެ މެމްބަރަކަށް ވެސް ގާނޫނުން ލިބިދީފައިވާ އިހްތިޔާރުތަކާ އެކު މިނިވަންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާ ބައެއް ނިންމުންތަކާ މެދު "ހައިރާންވެވަޑައިގަންނަވާ" ކަމަށް ފުއާދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ލަސްކުރުމާއި މެމްބަރުން ވަކިކުރި ގޮތާއި ޕާޓީތަކުގެ އެތެރޭގެ ކަންކަން ނިންމަމުންދާ ގޮތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ރައްޔިތުންގެ އަޑު އިވެނީ އިންތިހާބުތަކުން ކަމަށް ވާއިރު، އިލެކްޝަންސް ކޮމިޝަން މިނިވަން ވާން ޖެހޭ ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް ވެސް އަދި ޖުޑިޝަރީ އަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް އެތަނުގައި ތިއްބެވި ބޭފުޅުންނަށް ފުރުސަތު ދެއްވާށޭ،" ފުއާދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރުގައި ވަނީ، އެ މައްސަލާގައި ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު ޒަރޫރީ ހާލަތެއް ޕީޕީއެމަށް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރީ-ރެޖިސްޓްރޭޝަންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް އަމަލުކުރުން ފަސްކުރުމަށް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.