Roadha Mihaaru
ބާނީ ސޭންޑާޒް ވޫލް ބުދަކަށް 40،000 ޑޮލަރު

ބާނީ ސޭންޑާޒް ވޫލް ބުދަކަށް 40،000 ޑޮލަރު

28 ޖެނުއަރީ 2021

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބާނީ ސެންޑާޒް ގޮނޑިއެއްގައި އިށީނދެވަޑައިގެން އިން ގޮތް މަޖާމެ ސޯޝަލް މީޑިއާ މީމްއަކަށް ވެފައި ވަނިކޮށް އެ ޕޯޒް އަށް ވޫލުން ވިޔުނު ބުދެއް 40،000 ޑޮލަރަށް ނީލަމެއްގައި ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބާނީ ސެންޑާޒް ގޮނޑިއެއްގައި އިށީނދެވަޑައިގެން އިން ގޮތް މަޖާމެ ސޯޝަލް މީޑިއާ މީމްއަކަށް ވެފައި ވަނިކޮށް އެ ޕޯޒް އަށް ވޫލުން ވިޔުނު ބުދެއް 40،000 ޑޮލަރަށް ނީލަމެއްގައި ވިކިއްޖެ އެވެ.

އެ ބުދު ވިއްކަން ހޮނިހިރު ދުވަހު އީބޭ އަށް 5.50 ޑޮލަރަށް ލާފައި ވަނިކޮށް ވިކުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރަން ހަމަޖެހިފައި ވަނީ ސޭންޑާޒްގެ "މީމް" ޖަހައިގެން އުފެއްދި ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ވެސް ހަދިޔާކުރަން ނިންމި މީލްސް އޮން ވީލްސްއަށެވެ. މިއީ އެމެރިކާގައި ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެކެވެ.

ބާނީގެ "މީމް" ކުޑަ ބުދެއްގެ ގޮތުގައި ވޫލުން ހެދީ "ޓޯބީ ޓައިމް ކްރޮޝޭ" ގެ ނަމުގައި އަތުން ކްރާފްޓްގެ އުފެއްދުންތައް ތައްޔާރުކުރާ ޓޯބީ ކިންގް އެވެ. އޭތި އީބޭގެ ނީލަމުގައި ވިކުނީ 20،300 ޑޮލަރަށެވެ. އަދި އޭގެ ތެރެއަށް އީބޭ އިން ޕަސަންޓެއް ލުމުން ޓޯބީގެ ބުދުން ލިބުނު އަގަކަށް ނިންމާފައި ވަނީ 40،000 ޑޮލަރެވެ.

ބުދަ ވިކުނު ވާހަކަ އިންސްޓަގްރާމްގައި ހާމަކޮށް ޓޯބީ ވަނީ އެ ގަތް މީހާއަށާއި ބުދު ޕްރޮމޯޓްކޮށްދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ. ބުދު ގަތް މީހާގެ އެދުމަކަށް އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

މި މަސައްކަތާ ބެހޭ ގޮތުން ކިންގް ބުނީ ސޭންޑާޒްގެ ބުދެއް ހެދުމުގެ ހިޔާލު އައީ ރައްޓެއްސެއްގެ ފަރާތުން ލިބުނު ހިޔާލަކާ ގުޅިގެން ކަމަށެވެ.

"އޭނާ ބުނީ މިހާރު އެބަ ވިއްކައޭ ސޭންޑާޒްގެ މީމް ޖެހި ޓީޝާޓްތަކެއް. ދެން އަހަރެން ހިތަށް އެރި އަސްލު އެ މީމް އިންލެއް ހިތްގައިމުކަމުން ބުދެއް ހަދައިފި ނަމަ ފުދޭވަރެއްގެ އަގެއް ލިބިދާނޭ. ޓްރައިކޮށްލާނީއޭ،" އޭނާ ބުންޏެވެ. "މަސައްކަތް ފެށި އިރު ވެސް ނިންމާފައި އޮތީ ބުދު ވިއްކައިގެން ލިބޭ ފައިސާ ސޭންޑާޒް ތަމްސީލުކުރާ ވާމަންޓަށް ހާއްސަވާ ގޮތަށް މީލްސް އޮން ވީލްސް އަށް ހަދިޔާކުރަން."

މީލްސް އޮން ވީލްސްގެ ކޮމިއުނުކޭޝަންސްގެ ވައިސް ޕްރެޒިޑަންޓް ޖެނީ ޔަންގް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބުނު ސެނެޓަރުގެ "މީމް" ވިއްކައިގެން ލިބޭ ފައިސާ އެ ޖަމާއަތަށް ހަދިޔާކުރާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސޭންޑާޒްގެ ބުދު ހެދި ޓޯބީ އަކީ ކުރިން ވެސް މަޝްހޫރު ބައެއް މީސްމީހުންގެ ބުދު ވޫލް އިން ހަދާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި މައިކަލް ޖެކްސަނާއި ލަވަކިޔުންތެރިޔާ ޕްރިންސާއި މިދިޔަ އަހަރު އަވަހާރަވި އެމެރިކާގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ރުތު ބޭޑާ ޖިންސްބާގް (އާރްބީޖީ) އަދި ލަވަކިޔުންތެރިތާ ސެލީނާ ގޮމޭޒް ފަދަ ފަންނާނުން ހިމެނެ އެވެ.