Roadha Mihaaru
ބިދޭސީންނަށް ވެސް ވެކްސިން ދޭނީ ދައުލަތުން

ބިދޭސީންނަށް ވެސް ވެކްސިން ދޭނީ ދައުލަތުގެ ޚަރަދުގައި: ޑރ. ނަޒްލާ

27 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވެވޭނީ ރާއްޖެ އިން އުޅޭ އެންމެންނަށް ވެސް ވެކްސިން ޖަހައިގެން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވެވޭނީ ރާއްޖެ އިން އުޅޭ އެންމެންނަށް ވެސް ވެކްސިން ޖަހައިގެން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަންތައްތަކާ ގުޅޭ ގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ އެކި ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދޭން "ޖަޒީރާ ސައްލާ" ގެ ނަމުގައި ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންދިޔަ އެވެ.

ވަގުތުން ގެންދިޔަ މި ޕްރޮގްރާމުގައި ސޯޝަލް މީޑިއާ އަދި ފޯން ކޯލް މެދުވެރިކޮށް އާންމުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެއްވީ ޑރ. ނަޒްލާ އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

"ޖަޒީރާ ސައްލަ" ޕްރޮގްރާމާ ގުޅޭ ގޮތުން ގަވާމަންޓް އޮފް މޯލްޑިވްސް އިން ކުރި ޓްވީޓެއް

ޓްވިޓާ މެދުވެރިކޮށް މީހަކު ކުރި ސުވާލެއްގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހާނީ ދައުލަތުގެ ހަރަދުގައިތޯ އެހުމުން ޑރ. ނަޒްލާ ވިދާޅުވީ އެ މީހުންނަށް ވެސް ވެކްސިން ޖަހާނީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ. ކޮވިޑުން އަރައިގަނެވޭނީ އެންމެން ވެސް ރައްކާތެރިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"... އެގޮތަށް މިހާރު ހަމަ ނިމިފައި އޮތީ. ކޮވިޑް ތެރޭގައި ކޮވިޑްގެ ކަންކަން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ވެސް މި ކުރިއަށް ގެންދިޔައީ ހަމަ ދައުލަތުގެ ހަރަދުގައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިއީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ، ދިވެހިން ނޫން ނަމަވެސް ރާއްޖޭގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ބޮޑު ހިއްސާއެއް އަދާކުރާ ބައެއް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ކަރަންޓީނު ވުމާއި ޕީސީއާރް ޓެސްޓު ހެދުމާއި ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވެސް އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.