Roadha Mihaaru
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި

ކައިވެނި ޕާޓީތަކުގައި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސައި، އިތުރު ލުއިތަތަކެއް ދީފި

05 އޯގަސްޓް 2021

ކޮވިޑް-19 އާ ގުޅިގެން، ކައިވެނި ޕާޓީތަކާއި ހަފުލާތަކުގައި ގިނަ ބަޔަކަށް ބައިވެރިނުވެވޭ ގޮތަށް އޮތް އޮތުން އުވާލައި އިތުރު ލުއިތަަކެއް އެޗްޕީއޭ އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އާ ގުޅިގެން، ކައިވެނި ޕާޓީތަކާއި ހަފުލާތަކުގައި ގިނަ ބަޔަކަށް ބައިވެރިނުވެވޭ ގޮތަށް އޮތް އޮތުން އުވާލައި އިތުރު ލުއިތަަކެއް އެޗްޕީއޭ އިން މިއަދު ދީފި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަަޅެއްގެ ގޮތުން، ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ ޕާޓީތަކާއި ހަފުލާތަކުގައި ބައިވެރިވެވޭނީ ގިނަވެގެން 30 މީހުންނަށެވެ. ނަމަވެސް އެޗްޕީއޭ އިން މިއަދު ދިން ލުޔާއެކު، އެފަދަ ހަފުލާތަކުގައި ބޭނުން އަދަދަކަށް މީހުން ބައިވެރި ކުރެވޭނެ އެވެ.

މިއަދު ދިން އިތުރު ލުއިތަކުގެ ތެރޭގައި ވިޔަފާރިތަކާއި ކެފޭ/ރެސްޓޯރެންޓްތަކުން އާންމު ހާލަތުގައި ވެސް ހިދުމަތް ދެމުން އައި ގޮތަށް، އެ ތަންތަން ހިންގުމުގެ ހުއްދަ އާއި އޮފީސްތަކަށް މުވައްޒަފުން ހާޒިރު ކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ވެސް ހިމެނެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ނިއު ނޯމަލްގައި އޮތުމުން، އިތުރު ބައެއް ފިޔަވަޅުތަކަށް ވެސް ލުއިދޭން ނިންމެވީ ކަމަށެވެ. އަދި މިއަދުއިއުލާންކުރި ލުއިތަކާ އެކު ވަރަށް ބޮޑެތި ލުއިތައް މިހާރު ދީފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެކަމަކު އަދިވެސް އެޗްޕީއޭގެ އާންމު ގައިޑްލައިން، މާސްކު އެޅުމާއި އަތްދޮވުމާއި އަދި އިޖުތިމާއީ ގާއިދުކުރަން ބެހެއްޓުން ފަދަ ކަންކަމަށް މި ލުއިތަކުގެ ތެރެއިން ވެސް އަމަލުކުރަން ވާނެ،" ނަޒްލާ ވިދާޅުވި އެވެ.

ޕީސީއާރު ޓެސްޓާ ނުލައި ރަށްރަށަށް ދެވޭނެ އުސޫލެއް ވެސް މިއަދު އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ، އެ ރަށަކަށް ދަތުރުކުރާ އިރު އަންނަ މަހުން ފެށިގެން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ މަހުން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ. އެންމެ ބޮޑު ލުޔެއްގެ ގޮތުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ފަހުން ކަރަންޓީނުނުވެ، މޮނީޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.