Roadha Mihaaru
ކޮވިޝީލްޑް ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި

ކޮވިޝީލްޑް ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި

28 ޖެނުއަރީ 2021

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނަށް ކަމަށްވާ "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނަށް ކަމަށްވާ "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އެމްއެފްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ވެކްސިނަށް ހުއްދަ ދޭން ނިންމީ މިހާރުގެ ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.

ހުއްދަ ދޭން ނިންމީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުަމށް ފަހު، އެމްއެފްޑީއޭގެ ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމަށްވާ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.

ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ.

"ކޮވިޝީލްޑް އަކީ އިނގިރޭސި ވިލާތުގެ އޮކްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނިކާ ވެކްސިން، އެސްއައިއައި އިން މެނުފެކްޗާކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަކީ އިނގިރޭސި ވިލާތުގެ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްެރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެމްބަރު 30 ވަނަ ދުވަހު ހުއްދަ ދޫކޮށްފައިވާ ވެކްސިނެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްެރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ އަކީ ޑަބްލިޔުއެޗްއޯގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސްއާރްއޭ) ގައި ލިސްޓުކޮށްފައިވާ އާންމު ސިއްހަތުގެ ދާއިރާ އިން ފާހަގަކޮށްލެވޭ އިދާރާއެއް ކަމަށެވެ.

ރާއްޖޭގައި ބަލީގެ ހާލަތު އޮތް މިންވަރަށް ބަލައި، ކޮވިޝީލްޑަށް ހުއްދަ ދިނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް އެކަންޏެވެ. ނަމަވެސް މިއީ އަދި މާބަނޑު މީހުންނަށް ޓެސްޓުކޮށްފައިވާ ވެކްސިނަކަށް ނުވާތީ މާބަނޑު މީހުންނަށް ވެސް މި ވެކްސިނެއް ނުދޭނެ އެވެ.

ކޮންމެ ވެކްސިނަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ރިއެކްޝަންތަކެއް ކުރިމަތިވާ އެއްޗެއް ކަމަށާއި ކޮވިޝީލްޑް ވެކްސިނުން ވެސް ދިމާވެދާނެ މައްސަލަތައް އެޗްޕީއޭއާ ގުޅިގެން ބަލަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން އަންނަނީ ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުންނެވެ.

ވެކްސިން ދޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިސްކަން ދީގެން، ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިންނެވެ.