Roadha Mihaaru
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ

ކޮވިޑް ވެކްސިންގެ 700،000 ޑޯޒު ލިބޭނެ ތާރީޚެއް ނޭނގޭ

05 އެޕްރީލް 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން ގަންނަން ސޮއިކޮށްފައިވާ ވެކްސިންގެ 700،000 ޑޯޒް ލިބޭނެ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން ގަންނަން ސޮއިކޮށްފައިވާ ވެކްސިންގެ 700،000 ޑޯޒް ލިބޭނެ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެސްޓްރާޒެނެކާ އަދި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިން ގަންނަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގަންނާނެ އެވެ. ނަމަވެސް ތިން މަސް ވިއިރު ވެސް އެސްޓްރާޒެނެކާ ވެކްސިނެއް ރާއްޖެއަކަށް އަދި ނުލިބެ އެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިޝަލަކު ވިދާޅުވީ އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާއެކު ވަރަށް ރަނގަޅަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

"އެ މީހުންނާ ވަރަށް ރަނގަޅަށް ކޮމިއުނިކޭޓް ކުރަމުން މި އަންނަނީ. އެކަމަކު ވެކްސިން ލިބޭނެ ސީދާ ތާރީހެއް ނުބުނެވެނީ ގްލޯބަލް ޝޯޓޭޖެއް އުޅޭތީ ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ވެކްސިންތައް ލިބުން ލަސްވުމުން ރާއްޖެ އިން ފަހުން ވަނީ 300،000 ޑޯޒް ގަންނަން، ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނަ ދުވަހެއް ނުވެ 100،000 ޑޯޒް ލިބިފައި ވެ އެވެ.

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން މިދިޔަ ހޮނިހިރު ދުވަހު ފަށާފައި ވަނީ އެ ޑޯޒުތަކުންނެވެ. މިހާތަނަށް 3،737 މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒު ދީފައި ވެ އެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑާ އެއްވަރަށް އެ ނުއުފެއްދޭތީ ބައެއް ގައުމުތަކުން ވެކްސިން އެކްސްޕޯޓު ކުރުމުން މަނާކޮށްފައި ވެ އެވެ. އެތައް ގައުމެއްގައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން ބޭރުކުރުން ވެސް އިންޑިއާ އިން މަނާކޮށްފައި ވެ އެވެ. އެކަމަކު ރާއްޖެ އިން މިދިޔަ މަހުގެ ފަހުކޮޅު 100،000 ޑޯޒު ލިބުނީ ހާއްސަ ފުރުސަތެއްގެ ދަށުންނެވެ.

ޔޫރަޕްގެ ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ނުއުފެއްދުމުން ވެސް އެ ހިސާބުތަކުން، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެކްސިން އެކްސްޕޯޓުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެ އެވެ.