Roadha Mihaaru
ޔޫވީ ބަލިކޮށް އީގަލްސް އަށް ހިތްހަމަޖެހުމެއް

ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އީގަލްސް އަށް ހިތްހަމަޖެހުމެއް

29 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 3-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދެ ވަނަ ބުރު މޮޅަކުން ފަށައި ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 3-2 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދެ ވަނަ ބުރު މޮޅަކުން ފަށައި ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ފުރަތަމަ ބުރުގައި އީގަލްސް އަށް މޮޅެއް ހޯދުނީ ހަތަރު މެޗު ނިމުނު ފަހުންނެވެ. އެއީ ފަސް ވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވެ ހުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ފުރަތަމަ ބުރުގައި ވެސް އީގަލްސް އިން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރިހޯދީ ހަމަ މިރޭގެ ނަތީޖާ އިންނެވެ.

މިރޭގެ މޮޅާ އެކު އީގަލްސް ހަތް ވަނައިގައި އޮތީ އަށް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ސަސް އަށް ވެސް އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ސަސްގެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ލީގުގައި އެންމެ އަވަހަށް ދެން ކުޅޭ މެޗުތަކުގައި އީގަލްސް ކުޅޭނީ ސަސްއާ އެވެ.

އީގަލްސްގެ ކޯޗުގެ ޒިންމާއާ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ހަވާލުވި ފުރަތަމަ މެޗުގައި ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ވަނީ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ އީގަލްސް އިން ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ ފަހަތުން އަރަ އެވެ. މެޗަށް ފަހު ނިމާ ބުނީ މޮޅެއް ހޯދަން ކުޅުންތެރިން އެކުގައި ކުރި ބުރަ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.

"ކުރިން ބުނިހެން ލިބޭ ފުރުސަތުގައި ބޭނުންނުކުރެވިގެން ކޮޅަށް ގޮސް ގޯލެއް މި ވަނީ. ދެން ވަރަށް މަސައްކަތް ކޮށްގެން ތިން ޕޮއިންޓް ލިބުނީމަ ހިތްހަމަޖެހޭ. ހަވާލުވިއިރު ޓީމު އޮތީ ކޮންފިޑެންސް ދަށްވެފައި ބަލިވަމުން އައިސް. މިހާރު މެޗަކަށް ފަހު މެޗެއް މި އަންނަނީ ކޮންފިޑެންސް ރަނގަޅުވަމުން،" ނިމާ ބުންޏެވެ.

މެޗަށް ނުކުތްއިރު ދެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ވަނީ މުޅިން އަލަށް ބައެއް ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ. އެ ގޮތުން އީގަލްސް އިން އެ ޓީމަށް ގެނައި ބުރްކީނާ ފާސޯގެ ޑިފެންޑަރު އިސްމާއިލް ޔަނޯގޯ އަށް ފުރުސަތު ދިންއިރު، ލީގުގައި މީގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ކުޅުނު ހުރިހާ މެޗެއްގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފްގެ ބަދަލުގައި ހުރީ ޒުވާން ކީޕަރު އަލީ ނާޖިހު އެވެ.

ޖުމްލަކޮށް ބަލާއިރު ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ގިނައިން ލިބުނީ އީގަލްސް އަށެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޔަމަނުގެ މިޑްފީލްޑަރު އޮސާމާ އަންބާރު ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާތެރެއިން މުހައްމަދު ނާއިމް ޖެހި ބޯޅަ ކީޕަރު ނާޖިހު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ފުރަަތަމަ ހާފުގައި ލިބުނު ހަމައެކަނި ރަނގަޅު ފުރުސަތުގެ ބޭނުންހިފައި މެޗުގެ 44 ވަނަ މިނިޓްގައި އެ ޓީމުގެ ލަނޑު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަަކަށް ކުޅެފައިވާ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އީގަލްސްގެ މޮންޓެނެގްރޯ ގޯލްކީޕަރު މިލާން ޔެލޮވަކާއި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަށް ހެދުނު ގޯހަކުން ހުސްކޮށް ލިބުނު ބޯޅައެއް ނިޒާމްބެ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ އަޒީމް (ކ) ކައިރިން އީގަލްސްގެ ކެޕްޓަން ޝިފާއު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓްރީގެ އަޒީމް (ކ) ކައިރިން އީގަލްސްގެ ކެޕްޓަން ޝިފާއު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް އިން ދެ ވަަނަ ހާފް ފެށިގެން ރަނގަޅު އެޓޭކިން ގޭމެއް ކުޅުނެވެ. މި ހާފް ފަށައިގެން ހަ މިނިޓް ތެރޭގައި ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ނާއިމް ނަގައިދިން ކޯނަރަކުން ހިސާމް ސަލީމް (ކޮކީ) ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން ނާއިމް ވަނީ އީގަލްސް އަށް ލީޑުނަަގައިދީފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުސްކޮށްލާފައި ނާއިމަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 71 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުފުޅާކޮށްދިނީ އޮސާމާ އަންބާރު އެވެ. ހަންނަ ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ ހެލްމެޓް ބޮލުން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލުމުން ގޯލުގެ ރޮނގުކައިރީގައި ހުރި އޮސާމާ އަންބާރު ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީން މެޗު ތެރެއަށް އަލުން ވަދެ އީގަލްސް އަށް ނުރައްކާކުރި އެވެ. ނިޒާމްބެ ފޮނުވާލި ދެ ހަމަލާއެއް ކީޕަރު މިލާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ 81 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އޭރިއާތެރެއިން ލިބުނު ބޯޅަ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި އެވެ. އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ވިކްޓްރީން ފަހު ސިކުންތާ ހަމައަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ އިހުސާން އަބްދުލް ގަނީ (ސާންތީ) ހަވާލުވި ފަހުން ކުޅުނު ދެ މެޗުގައި ވެސް ބަލިިވިއިރު، އޭނާ ބުނީ މި މެޗުގައި ވެސް ތަކުރާރުވީ އެކި ކަހަލަ ޕްރެޝަރުތަކެއް އޮތުމުން ނަތީޖާ ނެރުމުގައި ދިމާވާ އުނދަގޫތައް ކަމަށެވެ.

"މި މެޗު ވެސް ދިޔައީ އަަބަދުވެސް ދިމާވާ ގޮތަށް. ހަަމަ އަތުގައި އިނދެފައި އެ ގެއްލުނީ މެޗު. ކުރިން ފާހަގަކުރިހެން މޮޅެއް ނައިސް އެ އުނދަގޫ ފައްތަރުގައި މިހެން މިދަނީ. އާދައިގެ މިސްޓޭކްތަކެއް މި ހަދަމުންދަނީ. އަޅުގަނޑަކީ ވެސް ޖާދޫ ހަދާ މީހެއް ނޫން. އަޅުގަނޑަށް ވެސް ދުވަސްކޮޅެއް އެއްޗެއް ލިބިގެން ވާނީ. ކޮންމެވެސް ވަރަކަށް ޗޭންޖްތަކެއް ގެންދަމުން މިދަނީ،" ސާންތީ ބުންޏެވެ.

ކުރިން އީގަލްސްގެ ކޯޗަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ސާންތީ ބުނީ ނަތީޖާއެއް ނުނެރެވޭތީ ސައިކޮލޮޖިކަލީ ވެސް ކުޅުންތެރިންނަށް އަސަރުކޮށްފައިވާ ކަމަށާއި ކޮންފިޑެންސް ދަށްވުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. ޓީމަށް ބަދަލެއް ގެނެވެން އޮތީ މާޗް މަހު ޓްރާންސްފާ މާކެޓް ހުޅުވުމުންކަމަށްވާއިރު، އެހާތަނަށް އޮތް ހަމައެކަނި ގޮތަކީ ޓީމުގެ ތެރެއިން މި ހުރި މައްސަލަތަކަށް ހައްލެއް ހޯދުން ކަމަށް ސާންތީ ބުންޏެވެ.