Roadha Mihaaru
އާމިރު ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާގައި

އާމިރު ޚާން ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާގައި

30 ޖެނުއަރީ 2021

ދެހާސް ސޯޅައިގެ ފިލްމު "ޑަންގަލް" ގައި ރެސްލިންގެ ވާހަކަ ކިޔައި ދިނުމަށް ފަހު އެކްޓަރު އާމިރު ޚާން އަނެއްކާ ވެސް ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ސޯޅައިގެ ފިލްމު "ޑަންގަލް" ގައި ރެސްލިންގެ ވާހަކަ ކިޔައި ދިނުމަށް ފަހު އެކްޓަރު އާމިރު ޚާން އަނެއްކާ ވެސް ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2017 ގެ ފިލްމު "ޝުބް މަންގަލް ސާވްދާން" ގެ ޑައިރެކްޓަރު އާރްއެސް ޕްރަސައްނާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާމިރާއި ޕްރަސައްނާ މިހާތަނަށް ހައެއްކަ މީޓިން ވެސް ބާއްވާފައިވާ އިރު، ޑައިރެކްޓަރު ގެނެސްދޭ ފައިނަލް ސްކްރިޕްޓަކީ އާމިރު ގަޔާވާ އެއްޗަކަށްވެއްޖެ ނަމަ ފިލްމުން އެއްބަސްވާނެ އެވެ.

އާމިރަކީ އަބަދު ވެސް ފިލްމަކަށް ސޮއިކުރާ އިރު އޭގެ ސްކްރިޕްޓަށް ވަރަށް ބޮޑަށް ބަލާފައި ސޮއިކުރާ އެކްޓަރަކަށްވާތީ އޭނާ ކުޅޭ ފިލްމުތަކަކީ އަބަދުވެސް ބެލުންތެރިންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ފިލްމުތަކެވެ. އެކަމަކު އާމިރު އެންމެ ފަހުން ފެނިގެން ދިޔަ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުނުދިޔަ ފްލޮޕް ފިލްމެކެވެ.

ޕްރަސައްނާ އަދި އާމިރު.

ޕްރަސައްނާ އަދި އާމިރު.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަ "ލާލް ސިންގް ޗައްޑާ" އެވެ.

މި ފިލްމަށް ފަހު އޭނާ މަސައްކަތް ފަށާ ގޮތަށް އޮތީ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރު ބައޮގްރަފިކަލް ޑްރާމާ "މޯގުލް" އެވެ.