Roadha Mihaaru
"ނާގިން 5"ގެ ސްޕިން-އޮފެއް ފަށަނީ

"ނާގިން 5" ގެ ސްޕިން-އޮފެއް އަންނަ މަހު 7 ގައި

31 ޖެނުއަރީ 2021

ކަލާޒް ޗެނެލްގެ ސުޕަ ނެޗްރަލް ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އޭގެ ވާހަކައިން ކުރިފަޅުވައިގެން ގެނެސްދޭ އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލްގެ ސުޕަ ނެޗްރަލް ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އޭގެ ވާހަކައިން ކުރިފަޅުވައިގެން ގެނެސްދޭ އާ ސިލްސިލާއެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަންނަ މަހުގެ 7 ގައި ދައްކަން ފަށާ ސިލްސިލާގެ ނަމަކީ "ކުޗް ތޯ ހޭ" އެވެ. މީޑިއާތަކުން ކުރިން ވެސް ބުނެފައިވާ ގޮތަށް "ނާގިން 5" ނިންމާލާފައި ގެނެސްދޭނެ ކަމަށް ބެލެވޭ އާ ސިލްސިލާ އަކީ ވެމްޕަޔާގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޕްރޮމޯ ފެށިގެން އަންނަނީ "ނާގިން 5" ގެ ލީޑް ދެ ތަރިން ކަމަށްވާ ސުރްބީ ޗަންދުނާ އާއި ޝަރަތު މަލްއުތުރާގެ މަންޒަރުތަކަކުންނެވެ. ޕްރޮމޯ އިން ފެންނަ މަންޒަރުތަކަށް ބަލާ އިރު "ކުޗް ތޯ ހޭ" ގައި ކިޔައިދޭނީ ސުރުބީ އާއި ޝަރަދަށް ލިބޭ ފިރިހެން ދަރިއެއްގެ ވާހަކަ އެވެ. އަދި އޭނާ އަކީ އާދަޔާހިލާފު ބާރުތަކެއް ލިބިގެންވާ ތަފާތު ކުއްޖެކެވެ.

"ކުޗް ތޯ ހޭ" ގެ ޕްރޮމޯ އިން އާ ކާސްޓެއް ފެނެ އެވެ. އެގޮތުން މި ސިލްސިލާގެ ބަތަލުގެ ރޯލުން ފެންނާނީ ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސުޕަ ނެޗްރަލް ސިލްސިލާ "ނަޒަރު" ގެ ބަތަލު ހާޝް ރާޖްޕޫތެވެ. ބަތަލާ އަކީ ކްރިޝްނާ މުކަރްޖީ އެވެ.

ބެލެވޭ ގޮތުން "ކުޗް ތޯ ހޭ" ވެސް ބެލުންތެރިންނަށް ކަލާޒް އިން ގެނެސްދޭނީ "ނާގިން 5" ގެނެސްދިން ދުވަސްތަކުގަ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ.

"ނާގިން" ސިލްސިލާ އަކީ އެކްތާ ކަޕޫރް 2015 އިން ފެށިގެން ސީޒަންތަކަށް ބަހާލައިގެން ގެނެސްދޭ ވަރަށް ކާމިޔާބު ސިލްސިލާއެކެވެ. ފަސް ވަނަ ސީޒަން ގެނެސްދޭން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ހަތަރު ވަނަ ސީޒަން ނިންމައިލުމަށް ފަހު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.