Roadha Mihaaru
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ

ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ

04 ސެޕްޓެމްބަރ 2021

ޓީވީ އިންޑަސްޓްރީން މި ފަހުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ޖޯޑަކީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލް (ސަނާ) އެވެ. ބުރާސްފަތި ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު، 40، ގެ ބައިވެރިވާ ސަނާ އަކީ ޝޯގެ ތިން ވަނަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ އިންޑަސްޓްރީން މި ފަހުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ޖޯޑަކީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލް (ސަނާ) އެވެ. ބުރާސްފަތި ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު، 40، ގެ ބައިވެރިވާ ސަނާ އަކީ ޝޯގެ ތިން ވަނަ އެވެ.

"ބިގް ބޮސް 13" އިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ސަނާ އާއި ސިދާތުގެ މެދުގައި އުފެދުނު ހާއްސަ ގުޅުމެވެ. ޝޯގެ ތެރެއިން އެންމެ އަޅައިގަތް އެއް ކަމަކީ ސިދާތާ ހެދި "މޮޔަވެގެން" ސަނާ އުޅުނު ގޮތެވެ. މި ޖޯޑަށް ބެލުންތެރިން ވަރަށް ގަޔާވި އެވެ. އެހެންވެ "ބިގް ބޮސް 13" ދައްކަމުން ދިޔަ ދުވަސްވަރު އެ ދެ މީހުންގެ ނަން ގުޅުވައިގެން "ސިދުނާޒް" ގެ ނަމުގައި ޓްވިޓާގައި ހޭޝްޓޭގް ހަދައި، ވަރަށް ގަދައަށް ޓްރެންޑްކުރި އެވެ.

ސިދާތާއި ސަނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން ކަށަވަރު ނުވިޔަސް އެ ދެ މީހުންގެ މެދުގައި "ބިގް ބޮސް" ގެ ފަހުން ވެސް ހާއްސަ ގުޅުމެއް އޮތެވެ. ޝޯ އަށް ފަހު ލިބެން ފެށި ފުރުސަތުތަކާ އެކު ޕަންޖާބްގައި ކުރިން އުޅުނު ސަނާގެ ދިރިއުޅުން ވެސް އޮތީ މުމްބާއީ އަށް ބަދަލުކޮށްފަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ސިދާތު ހާޓްއެޓޭކެއްގައި ކުއްލި ގޮތަކަށް މަރުވި އިރު، ކުރީ ދުވަހުގެ ރޭ ވެސް އޭނާ އާއި ސަނާ އުޅުނީ އެކީގައި ސަނާގެ އެޕާޓްމަންޓުގަ އެވެ. އަދި އެ ރޭ މެޔަށާއި ބޮލަށް އުނދަގޫތަކެއްވާކަމުގެ ވާހަކަތަކެއް ސަނާ ގާތު ސިދާތު ދައްކާފައިވެ އެވެ.

ސިދާތުގެ ކުއްލި މަރާ އެކު ސަނާގެ މަޖާ މިޒާޖު ބަދަލުވެ ބަސް ހުއްޓިފައިވާ ކަމަށް އޭނާގެ ބައްޕަ ނޫހަކަށް ބުނެފައިވެ އެވެ. ސިދާތުގެ މަރުގެ ކުރިން ސަނާ، 28، ވަނީ މީގެ ދެ ހަފުތާއެއް ދުވަސްކުރިން ކަލާޒްގެ "ޑާންސް ދީވާނޭ 3 " ގައި ވެސް މެހުމާނުންގެ ގޮތުގައި ބައިރިވެފައިވެ އެވެ. "ބިގް ބޮސް 13" އަށް ފަހު ސަނާ އާއި ސިދާތު އެކީގައި ވީޑިއޯ ލަތަކެއް ވެސް ކުޅެފައިވެ އެވެ.

ސިދާތުގެ ޖަނާޒާ އަށް ހުކުރު ދުވަހު ސަނާ ދިޔައީ ބޭބެއާ އެކީގަ އެވެ.

ސިދާތުގެ ވަކިވެދިއުމާ އެކު ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަރަށް ބޮޑަށް ސަނާ އަށް ހުއްޓިފައިވެ އެވެ. ޕަންޖާބީ ލަވަކިޔުންތެރިއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދި ސަނާ ކުރިން ވެސް ޕަންޖާބީ ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ހޯސްލާ ރަކް" އެވެ. އޭގެ ކާސްޓުންނަކީ ސަނާ އާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ސޯނަމް ބަޖްވާ އެވެ.

"ބިގް ބޮސް 13" ގެ ހޯސްޓް ސަލްމާން ޚާން ސިފަކުރާ ގޮތުގައި ސަނާ އަކީ "ޕަންޖާބީ ކެޓްރީނާ ކައިފް" އެެވެ.