Roadha Mihaaru
ޝާހިދުގެ ވެބް ސީރީޒަކީ "ގަވަރު" އެއް ނޫން "ސަނީ"

ޝާހިދުގެ ވެބް ސީރީޒަކީ "ގަވަރު" އެއް ނޫން "ސަނީ"

04 ފެބުރުއަރީ 2021

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަލަތު ވެބް ސީރީޒްގެ ނަމަކީ "ގަވަރު" ނޫން ކަމަށާއި އޭނާގެ ނަމަކީ "ސަނީ" ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަލަތު ވެބް ސީރީޒްގެ ނަމަކީ "ގަވަރު" ނޫން ކަމަށާއި އޭނާގެ ނަމަކީ "ސަނީ" ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ވަރުގަދަ ރޯލެއް ކުޅޭ ތުރިލާ އަށް ނަން ދީފައި ވަނީ ޝާހިދުގެ ކެރެކްޓާ އަށް ކިޔާ ނަމުންނެވެ. މީގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، މިހާރު އިވޭ އަޑުތައް ބުނާ ގޮތުން ޝާހިދަށް ވުރެ ބޮޑު އަގެއް "ސަނީ" އިން ވިޖޭ އަށް ލިބެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސީރީޒުން ޝާހިދަށް ލިބެނީ 40 ކްރޯޑް ރުޕީސް (5.48 މިލިއަން ޑޮލަރު) އެވެ. އަދި ވިޖޭގެ ފީ އަކީ 55 ކްރޯޑް ރުޕީސް (7.54 މިލިއަން ޑޮލަރު) އެވެ. އެ ނޫހުން ބުނި ގޮތުގައި "ސަނީ" އަކީ ޝާހިދާއި ވިޖޭގެ ރޯލު ވަރަށް ބެލެންސްކޮށް ގެނެސްދޭނެ އެއްޗެކެވެ.

މީތި ލިޔެ، ޑައިރެކްޓްކުރަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ދަ ފެމިލީ މޭން" ވެސް ހެދި ރާޖް އެންޑް ޑީކޭ އެވެ. އެ މީހުން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ގޯ ގޯއާ ގޯން" އާއި "އަ ޖެންޓްލްމަން" އަދި "ހެޕީ އެންޑިން" ހިމެނެ އެވެ.

"ސަނީ" ގެ ބަތަލާ އަކީ މަލްވިކާ މޯހަނަން ކަމަށް ކުރިން މީޑިއާތަކުން ބުނި ނަމަވެސް މީގެ ބަތަލާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރާޝީ ކައްނާ އެވެ. އޭނާ އާއި ރާޖް އެންޑް ޑީކޭއާ އެކު ނަގާފައިވާ ފޮޓޯއެއް ދާދި ފަހުން ޝާހިދު އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ރާޝީ ވެސް ޝާހިދާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ރާޖް އެންޑް ޑީކޭގެ "ދަ ފެމިލީ މޭން" ގޮތަށް "ސަނީ" އަކީ ވެސް އެ ޕްލެޓްފޯމުން ސްޓްރީމްކުރާނެ އެއްޗެކެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް ވާހަކައެއް އެ ދެ މީހުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން "ކަބީރް ސިންގް" އިން ފެނުނު ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ "ޖާޒީ" އެވެ.