Roadha Mihaaru
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު

ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު

13 ޑިސެމްބަރ 2021

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑަށް ފުންމާލި ފުރަތަމަ ސީރީޒް "ކްއަންޓިކޯ" އަށް ފަހު ކުޅުނު ދެވަނަ ސީރީޒް "ސިޓަޑެލް" ގެ ޝޫޓިން އަހަރެއްހާ ދުވަސް ފަހުން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑަށް ފުންމާލި ފުރަތަމަ ސީރީޒް "ކްއަންޓިކޯ" އަށް ފަހު ކުޅުނު ދެވަނަ ސީރީޒް "ސިޓަޑެލް" ގެ ޝޫޓިން އަހަރެއްހާ ދުވަސް ފަހުން ނިންމާލައިފި އެވެ.

އޭނާ އޭގެ މަސައްކަތް އިނގިރޭސިވިލާތުގައި ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ޝޫޓިން ނިންމާލި ކަން އޭގެ ޓީމާ އެކު ނަގާފައިވާ ފޮޓޯތަަކާ އެކު ޕްރިޔަންކާ ސޯޝަލް މިޑިއާގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ.

"ސިޓަޑެލް" އަކީ ކާމިޔާބު ސުޕަހީރޯ ފިލްމު "އެވެންޖާޒް" ޓްރިލޮޖީގެ ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެޕް ރުޒޯގެ އިތުރުން ޑައިރެކްޓަރުންގެ ގޮތުގައި ބްރަޔަން ކާކް އަދި ޖެސިޔާ ޔޫ ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ.

ޕްރޮޔަންކާއާ އެކު މީގައި ބޮޑު ކާސްޓެއް ހިމެނޭ އިރު، އޭގެ ތެރޭގައި މަޝްހޫރު އެކްޓަރު ރިޗަޑް މެޑެން ވެސް ހިމެނެ އެވެ. އޭނާ އަކީ މިދިޔަ މަހު ރިލީޒްކުރި ޑިޒްނީ/މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ.

ޕްރުިޔަންކާ ވަރުގަދަ ބޮޑު ރޯލަކުން ފެންނާނެ "ސިޓަޑެލް" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެންމެ އަވަހަށް ރިލީޒްވާން އޮތް އޭނަގެ ފިލްމަކީ މި މަހުގެ 22 އަށް ތާވަލު ކޮށްފައިވާ "މެޓްރިކްސް ރިސަރެކްޝަންސް" އެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން "ވައިޓް ޓައިގާ" އެވެ. ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޓެކްސްޓް ފޯ ޔޫ" ގެ އިތުރުން ހިންދީ ފިލްމު "ޖީ ލޭ ޒަރާ" ހިމެނެ އެވެ.

އޭބީސީ ނެޓްވޯކުން 2015-2018 އަށް ގެނެސްދިން "ކްއަންޓިކޯ" އަކީ ހުޅަނގުގައި ޕްރިޔަންކާ ވަރަށް ބޮޑަށް ވިދައިލި އެއްޗެކެވެ. ތިން ސީޒަނަކަށް އޭގެ 57 އެޕިސޯޑް ގެނެސްދިނެވެ. ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.