Roadha Mihaaru
ޖޯލީ އަށް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމަކަށް

އެންޖެލީނާ ޖޯލީ އަށް ބްރެޑް ޕިޓް ހަދިޔާއަކަށް ދިން ކުރެހުމެއް ނީލަމެއްގައި ވިއްކާލަނީ

05 ފެބުރުއަރީ 2021

ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އަށް ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ހަދިޔާއަކަށް ދިން ވަރަށް ހާއްސަ ކުރެހުމެއް ނީލަމެއްގައި ވިއްކާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީ އަށް ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ހަދިޔާއަކަށް ދިން ވަރަށް ހާއްސަ ކުރެހުމެއް ނީލަމެއްގައި ވިއްކާލަން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކުރެހުމަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލްގެ ކުރެއްސެވުމެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1943 ވަނަ އަހަރުގެ ޖެނުއަރީ މަހު މޮރޮކޯގެ މަރަކޭޝްގައި ބޭއްވި ކަސަބްލަންކާ ކޮންފަރެންސަށް ކުރެއްވި ދަތުރުގެ ތެރޭގައި ޗާޗިލް ފުރިހަމަކުރެއްވި މި ކުރެހުމުގައި ފެންނަނީ މޮރޮކޯގެ މިސްކިތެކެވެ. ކުރެހުމަށް ދީފައިވާ ނަމަކީ "ޓަވާ އޮފް ދަ ކޮތޫބިއާ މޮސްކް" އެވެ.

މި ކުރެހުން ޕިޓް ގަތީ އަގުބޮޑު ތާރީހީ ތަކެތި ވިއްކާ އެމްއެސް ރައުން އިން 2011 ގަ އެވެ. ކުރެހުން ގަތީ ވެސް ހަދިޔާއަކަށް ޖޯލީ އަށް ދިނުމަށްޓަކަ އެވެ، އެ ދުވަސްވަރަކީ އެ ދެ މީހުން ލޯބީގެ މާތައް ފޮޅުވަމުން ދިޔަ ދުވަސްވަރެވެ.

ޖޯލީ އާއި ޕިޓް ކައިވެނިކުރީ 2014 ގަ އެވެ. އަދި ކައިވެނި ރަސްމީކޮށް ރޫޅައިލީ 2019 ގަ އެވެ.

ޕިޓްގެ ފަރާތުން ހަދިޔާއަކަށް ލިބުނު ޗާޗިލްގެ ކުރެހުން ނީލަމެއްގައި ވިއްކާލަން ނިންމި އިރު އެއަށް 2-3.4 މިލިއަން ޑޮލަރާ ދެެމެދުގެ އަގެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޖޮލީ އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކުރެހުން ވިއްކައިލާ ނީލަން އިންތިޒާކުރަނީ އިނގިރޭސިވިލާތުގެ އޮކްޝަން ހައުސް ކްރިސްޓީޒް އިންނެވެ. އެތަނާ ކުރެހުން ހަވާލުކުރީ ޖޯލީ ފެމިލީ ކަލެކްޝަނުންނެވެ.

ނީލަމުގައި ވިއްކައިލާ ޗާޗިލްގެ މި ކުރެހުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ ކުރެއްސެވި ހަމައެކަނި ކުރެހުމެވެ.

ކްރިސްޓީން ނެރުނު ބަޔާނެއްގައި އެތަނުގެ ހެޑް އޮފް މޮޑަން ބްރިޓިޝް އާޓް ނިކް އޮޗާޑް ވިދާޅުވީ ކުރެހުން ސިފަކޮށްދެނީ މަރަކޭޝްގެ ވަރަށް ހިތްގައިމު މަންޒަރަކަށްވެފައި މި ކުރެހުމަކީ ޗާޗިލްގެ ވެސް ހާއްސަ މަސައްކަތަކަށްވާތީ އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކުރެހިން ވިއްކައިލާ ނީލަން ހުޅުވާނީ އަންނަ މަހުގެ 1 ގަ އެވެ.