Roadha Mihaaru
އެނިސްޓަން ފިލްމީ ދާއިރާގެ ބައިވެރިއެއް ބޭނުމެއް ނޫން

އެނިސްޓަން ދެން ބޭނުމީ ފިލްމީ ދާއިރާ އިން ބޭރު ބައިވެރިއެއް

16 ސެޕްޓެމްބަރ 2021

ހަޔާތުގެ ބައިވެރިޔަކަށް ދެން ބޭނުމީ ފިލްމީ ދާއިރާއިން ބޭރު މީހެއް ކަމަށް، ހޮލީވުޑްގެ މަޝްހޫރު ދެ ތަރިޔަކާ ކައިވެނިކޮށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ބަތަލާ ޖެނިފާ އެނިސްޓަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަޔާތުގެ ބައިވެރިޔަކަށް ދެން ބޭނުމީ ފިލްމީ ދާއިރާއިން ބޭރު މީހެއް ކަމަށް، ހޮލީވުޑްގެ މަޝްހޫރު ދެ ތަރިޔަކާ ކައިވެނިކޮށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ބަތަލާ ޖެނިފާ އެނިސްޓަން ބުނެފި އެވެ.

ކުރީގެ ސިޓްކޮމް "ފްރެންޑްސް" ގެ ތަރި 52 އަހަރުގެ ބަތަލާ ފުރަތަމަ ކައިވެނިކުރީ އެކްޓަރު ބްރެޑް ޕިޓާ އެވެ. އެ ކައިވެނި ރޫޅުމުން ދެން ކައިވެނިކުރީ އެކްޓަރު ޖަސްޓިން ތެރޯޒްއާ އެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައވާ ގޮތުގައި އޭނާގެ މިހާރުގެ ބައިވެރިޔަކީ ކެނެޑާގެ މޮޑެލް ގެބްރިއެލް އޯބްރީ، 44، އެވެ. އޭނާ އަކީ ހޮލީވުޑްގެ ބަތަލާ ހެލީ ބެރީގެ ކުރީގެ ލޯބިވެރިޔާ އެވެ.

ޕީޕަލް ޓީވީގައި ކޭ އެޑަމްސް އަށް ދިން އިންޓަވިއުއެއްގައި އެނިސްޓަން ބުނީ ހަޔާތަށް ދެން ގެންނަން ބޭނުންވަނީ އެންޓަޓައިންމަންޓް އިންޑަސްޓްރީގެ މީހެއް ނޫން ކަމަށާއި އެއީ ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ. އެކަމާ ވިއްދައިގެން ސެލެބްރިޓީންނާއި ސެލެބްރިޓީން ނޫން މީހުންގެ ގުޅުން ކާމިޔާބުވެދާނެތޯ ސުވާލުކުރުމުން އެނިސްޓަން ބުނީ އެކަމާ ޝައްކުނުކުރާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ އެފަދަ ގުޅުންތައް ވެސް މަސައްކަތްކުރާނެ ކަމަށް،" އޭނާ ބުންޏެވެ. "އެހެންވެ އިންޑަސްޓްރީ ނޫން މީހަކާ ގުޅުމަކީ ރަނގަޅު ކަމަކަށް ވެދާނެ. އަހަރެން ދެން އުންމީދު ކުރަނީ އެކަހަލަ ގުޅުމަކަށް. ކޮންމެހެން ނުޖެހޭ އިންޑަސްޓްރީގެ މީހަކާ ގުޅޭކަށް ވެސް."

އިންޓަވިއުގައި "ފްރެންޑްސް" ގެ ބަތަލު ޑޭވިޑް ޝްވިމާ އާއި އެނިސްޓަނާ ދެމެދު "ސިއްރު" ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އެއީ ވަރަށް އައިބު ވާހަކައެއް ކަމަށެވެ. އެނިސްޓަން ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނީ ޝްވިމާ އަކީ ބޭބެއެއް ކަހަލަ މީހެއް ކަމަށެވެ. "ފްރެންޑްސް" ގައި ދެ ތަރިންނަކީ ދެ ބައިވެރިންނެވެ.

ޑޭވިޑް، 54 އަކީ ވެސް ކައިވެނި ރޫޅިފައިވާ ތަރިއެކެވެ. ދެހާސް ދިހައެއްގައި ކުރި ކައިވެނި 2017 ގައި ރޫޅުނު އިރު، ދަރިޔަކު ވެސް ލިބިފައިވެ އެވެ.