Roadha Mihaaru
ތެޔޮ އުފުލަން އެފްއެސްއެމްއަށް ބޮޑު ބޯޓެއް

ތެޔޮ އުފުލަން އެފްއެސްއެމްއަށް ބޮޑު ބޯޓެއް

05 ފެބުރުއަރީ 2021

ތެޔޮ އުފުލަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ބޮޑު ބޯޓެއް ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތެޔޮ އުފުލަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ބޮޑު ބޯޓެއް ގެނެސްފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލަން ބޭނުން ކުރުމަށް އެފްއެސްއެމް އިން އިތުރުކުރީ "އެމްޓީ އަލިހުރަސް" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓުން 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލޭނެ އެވެ. މިއީ މީގެ ކުރިން އެސްޓީއޯއިން ތެޔޮ އެތެރެކުރަން ބޭނުން ކުރަމުން އައި ބޯޓެކެވެ. އެހެން ނަމަވެސް އެބޯޓަށް 25 އަހަރު ވުމުން ބޭރުން ތެޔޮ އުފުލުމަށް ބޭނުން ނުކުރެވޭނެތީ އެ ބޯޓު އެފްއެސްއެމްއަށް ދިނީ އެވެ. އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި އެކުންފުންޏަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، މި ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ތެޔޮ ގެންދިއުމަށް ކަމަށެވެ މި ބޯޓާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެފްއެސްއެމް އިން ހަތަރު ބޯޓެއް ތެޔޮ އުފުލުމުގައި ބޭނުން ކުރި އެވެ. މި ހަތަރު ބޯޓުން 5 މިލިއަން ލީޓަރުގެ ތެޔޮ އުފުލޭނެ އެވެ. އެހެން ކަމުން އަލަށް އެފްއެސްއެމްއަށް ގެނައި ބޯޓާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލުމުގެ ކެޕޭސިޓީ 13.5 މިލިއަން ލީޓަރަށް އިތުރުވީ އެވެ.

ގަސަމް ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ތެޔޮ އުފުލަން ބޭނުން ކުރުމަށް ހަތަރު ބާޖު ވެސް އިތުރުވާނެ ކަމަށެވެ. މިސްރުގައި ބަންނަމުން އަންނަ މިއިން ކޮންމެ ބާޖަކުން ވެސް 220،000 ލީޓަރުގެ ތެޔޮ އުފުލޭނެ އެވެ. މިހާރު އެފްއެސްއެމް އިން އަތޮޅު ތެރޭގައި ތެޔޮ އުފުލުމަށް 18 ބާޖު ބޭނުން ކުރެ އެވެ.