Roadha Mihaaru
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ

އެފްރިކާގައި ހިފެހެއްޓި އެފްއެސްއެމްގެ ދެ ބޯޓު ގެނައުމުގެ މަސައްކަތް ކުރަނީ

16 މެއި 2023

އެފްރިކާގެ އެރިތުރިއާ އިން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެފްރިކާގެ އެރިތުރިއާ އިން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިސްރުން ފުރައިގެން ރާއްޖެ އަށް ދަތުރުކުރި ދެ ބޯޓު އެރިތުރިއާގައި ބަނދަރު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދާ އެރިތުރިއާ އަށް އެތެރެވި ކަމަށް ބުނެ އެވެ.

އޭރު އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއެކެވެ. އެއީ މިސްރުގައި އެ ދެ ބޯޓު ބަނދެގެން ރާއްޖެ ގެނައުމަށް ކުރި ދަތުރެކެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް ވިދާޅުވީ އެރިތުރިއާއަކީ ރާއްޖެއާ ގުޅުން ބޮޑު ގައުމަކަށް ނުވާތީ މައްސަލަ ހައްލު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެން ކަމުން އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެރިތުރިއާގެ ހައި ކޮމިޝަނާ ގުޅިގެން ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވިގޮތުގައި ދެ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅެވެ.

އެއީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. މީގެ ކުރިން ވެސް ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ.