Roadha Mihaaru
ކުނޑި ހުރި ތެޔޮ އެޅުމުން ޝަކުވާ ބޮޑުވެއްޖެ

ކުނޑި ހުއްޓައި ވެހިކަލަށް ތެޔޮ އެޅުމުން މައްސަލަ ދިމާވިކަމުގެ ޝަކުވާތަކެއް ބޮޑުވެއްޖެ

19 އޮކްޓޯބަރ 2022

އެފްއެސްއެމްގެ ހުޅުމާލޭގެ ޕެޓްރޯލް ޝެޑްގެ ޓޭންކެއްގައި ކުނޑިތަކެއް ހުއްޓައި ވެހިކަލްތަކަށް ތެޔޮ އެޅުމުން އެ އުޅަނދުތަކަށް މައްސަލަ ދިމާވެ، ޝަކުވާތަކެއް ބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެފްއެސްއެމްގެ ހުޅުމާލޭގެ ޕެޓްރޯލް ޝެޑްގެ ޓޭންކެއްގައި ކުނޑިތަކެއް ހުއްޓައި ވެހިކަލްތަކަށް ތެޔޮ އެޅުމުން އެ އުޅަނދުތަކަށް މައްސަލަ ދިމާވެ، ޝަކުވާތަކެއް ބޮޑުވެއްޖެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް މިއަދު ވިދާޅުވީ ތެލުގެ މައްސަލައިގައި އެންމެ ފުރަތަމަ ޝަކުވާ ލިބުނީ ލޯންޗުތަކަކުން ކަމަށެވެ. އޭގެ ފަހުން ކާރު ތަކަކުން ވެސް އެ ފަދަ ޝަކުވާއެއް ލިބުމުން އެކަން އިތުރަށް ބެލީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމަށް ފުރަތަމަ ލިބުނީ، ހުޅުމާލޭގައި ޕެޓްރޯލް ރައްކާކުރާ ޓޭންކްގެ ތެރެއަށް ފެން އެޅިގެން މައްސަލަ ޖެހުނު ކަމުގެ ޝަކުވާތަކެވެ. އެކަމަކު އެއީ ކިހާ ޝަކުވާއެއް ކަމެއް ނޭނގެ އެވެ.

ނަމަވެސް، ގަސަމް ވިދާޅުވީ ޓޭންކް ބެލިއިރު އޭގެ ތެރެއަށް އެޅިފައި ހުރީ ކުނޑިތައް ކަމަށެވެ. އެހެންވެ، ވަގުތީ ގޮތުން ޝެޑް ބަންދުކޮށް، އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ

އެފްއެސްއެމުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ހުޅުމާލޭގެ ޕެޓްރޯލް ޝެޑް ބަންދުކޮށް، މައްސަލަ ހައްލުކޮށްފަ އެވެ.

"މިގޮތަށް ގެންނަ ތެލުގެ ބައެއް ޝިޕްމެންޓުގައި ހުންނާނެ ކުނޑި. އަޅުގަނޑުމެން ޓޭންކްގައި މައްސަލައެއް އުޅޭ ނަމަ ސިސްޓަމުން އެލާމް ވެސް އަޅާނެ،" ގަސަމް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ ހުޅުމާލޭގެ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުން ކާރަކަށް ޕެޓްރޯލް އެޅި ފަހުން ކާރުގައި މައްސަލައެއް ދިމާވި ކަމުގެ ރިޕޯޓެއް މިދިޔަ ހޯމަ ދުވަހު ލިބުނު ކަމަށެވެ. އެ ޝަކުވާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.