Roadha Mihaaru
އެފްއެސްއެމް ރީބްރޭންޑްކޮށް ކުންފުނީގެ ކުލަ ބަދަލުކޮށްފި

އެފްއެސްއެމް ރީ-ބްރޭންޑްކޮށް، ކުންފުނީގެ ކުލަ ބަދަލުކޮށްފި

19 ޑިސެމްބަރ 2021

މޯލްޑިވްސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ރީބްރޭންޑްކޮށްފި އެވެ.

އެފްއެސްއެމްގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި، އެ ކުންފުނީގެ ލޯގޯ އާއި ކުރިން ބޭނުންކުރި ކުލަތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެފްއެސްއެމުން ކުރިން ބޭނުންކުރި ނޫ، ފެހި، ރަތް ކުލައިގެ ބަދަލުގައި މިހާރު އެ ކުންފުނީގެ ކުލައަކީ އޮރެންޖާއި ނޫ ކުލަ އެވެ. އޮރެންޖު ކުލައިން ރަމްޒު ކޮށްދެނީ ތެޔޮ ކަމަށް ވާއިރު، ނޫ ކުލަ ނިސްބަތް ކޮށްފައި ވަނީ ރާއްޖޭގެ ކަނޑަށެވެ. ޕަބްލިސިޓީ ބިއުރޯ އިން ޑިޒައިން ކޮށްދިން ލޯގޯގައި ހިމެނޭ ރޮނގުތަކުން ދައްކުވައި ދެނީ އެފްއެސްއެމްގެ މުވައްޒަފުން ތެޔޮ އުފުލުމުގައި ކުރާ މަސައްކަތެވެ. ލޯގޯގެ މެދުގައި އިންނަނީ ތެޔޮ ތިއްކެކެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ލޯގޯ އާއި ކުލަ އަށް ބަދަލު ގެނައީ މިހާރަށް ވުރެ ރަނގަޅަށް އެފްއެސްއެމްގެ މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ތެލުގެ ވިޔަފާރީގައި ވާދަވެރި މާހައުލެއް އޮންނަ އިރު، ކުންފުނި ރީ-ބްރޭންޑް ކޮށްގެން އެފްއެސްއެމަށް ފައިދާ ތަކެއް ހޯދޭނެ ކަމަށެވެ.

"މިއީ ކުރީގެ އެފްއެސްއެމްގެ ވެރިން ވެސް ކުރަން އުޅުނު ކަމެއް. މިކަން ކުރަން ގާތްގަނޑަކަށް އަށް މަސް މި ހޭދަވީ. އަޅުގަނޑު ގަބޫލު ކުރަނީ ކުންފުނި ރީބްރޭންޑް ކޮށްގެން ކުންފުނި އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް،" ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމްގައި ތެޔޮ އުފުލުމަށް 18 ބާޖައި ފަސް ތެޔޮ ޓޭންކަރު އެބައޮތެވެ. ކުރިމަގުގައި ވެސް ތެޔޮ އުފުލާ ފްލީޓް ބޮޑު ކުރާނެ ކަމަށް ގަސަމް ވިދާޅުވި އެވެ.