Roadha Mihaaru
ޓޮމް ހޮލަންޑްގެ ހުވަފެނީ ރޯލަކީ ޖޭމްސް ބޮންޑް

ޓޮމް ހޮލަންޑްގެ ހުވަފެނީ ރޯލަކީ ޖޭމްސް ބޮންޑް

08 ފެބުރުއަރީ 2021

ސިނަމާ ދެކެ ލޯބިވާ އިނގިރޭސި އެކްޓަރެއްގެ ހައިސިއްޔަތުން އެންމެ އުންމީދުކުރެވޭ ހުވަފެނީ ރޯލަކީ އިނގިރޭސި ޖާސޫސީ އޭޖެންޓް ޖޭމްސްގެ ބޮންޑްގެ ރޯލު ކަމަށް ޒުވާން އެކްޓަރު ޓޮމް ހޮލަންޑް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިނަމާ ދެކެ ލޯބިވާ އިނގިރޭސި އެކްޓަރެއްގެ ހައިސިއްޔަތުން އެންމެ އުންމީދުކުރެވޭ ހުވަފެނީ ރޯލަކީ އިނގިރޭސި ޖާސޫސީ އޭޖެންޓް ޖޭމްސްގެ ބޮންޑްގެ ރޯލު ކަމަށް ޒުވާން އެކްޓަރު ޓޮމް ހޮލަންޑް ބުނެފި އެވެ.

މިހާރު މާވެލްގެ ސުޕަހީރޯ ކެރެކްޓާ ސްޕައިޑަމޭންގެ ރޯލު ކުޅޭ 24 އަހަރުގެ އެކްޓަރު ވެރައިޓީގެ ޕޮޑްކާސްޓް ޝޯ "އެވޯޑްސް ސާކިޓް" ގައި ހުވަފެނީ ރޯލަކީ ކޮބައިތޯ އެހުމުން ބުނީ ކޮންމެވެސް ދުވަހަކުން ޖޭމްސް ބޮންޑްގެ ރޯލު ކުޅުން ކަމަށެވެ.

"ސިނަމާ ދެކެ ލޯބިވާ ޒުވާން އިނގިރޭސިއެއްގެ ހައިސިއްޔަތުން ވެސް އަހަރެން ވަރަށް އުންމީދުކުރާ ރޯލެއް އެއީ. ޖޭމްސް ބޮންޑަކީ އަހަރެން އަބަދު ވެސް ވަރަށް ލޯބިވާ ކެރެކްޓާއެއް،" ލަންޑަނަށް އުފަން ޓޮމް ބުންޏެވެ. "އެހެންވެ ގަބޫލުކުރެވޭ ބޮންޑްގެ ސޫޓަށް އަހަރެން ވެސް ހެޔޮވަރުވާނެ ކަމަށް. އަދި އެ ސޫޓްގައި އަހަރެން ފެންނަލެއް ޗާލު ވެސް ވާނެ ކަމަށް."

އޭނާ ބުނި ގޮތުގައި ވަރަށް ބޮޑު ވަރުގަދަ ދެ ކެރެކްޓާއެއް ކުރިއަށް ހުރި ޕްރޮޖެކްޓްތަކަކުން ލިބިފައިވެ އެވެ.

"ވަރަށް ވެސް ޝައުގުވެރި ބޮޑު ދެ ކެރެކްޓާއެއް އެބައޮތް ލިބިފައި. އެކަމަކު މި ވަގުތަކު ނެތް އޭގެ އެއްވެސް ތަފުސީލަކަށް ދެވޭކަށް." އަރަމުން އަންނަ އުންމީދީ އެކްޓަރު ބުންޏެވެ.

ޓޮމްގެ ކުރިއަށް އޮތް ފިލްމަކީ "އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ މި މަހުގެ 26 ގައި ގެނެސްދޭ ކްރައިމް ޑްރާމާ "ޗެރީ" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ކެއޯސް ވޯކިން" އާއި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" ގެ ސީކްއެލްއެއްގެ އިތުރުން "އަންޗާޓެޑް" ހިމެނެ އެވެ.

ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" މި އަހަރުގެ އޮކްޓޯބަރު 8 ގައި ގެނެސްދޭން ތާވަލުކޮށްފައިވާ އިރު މިއީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލު ކުޅޭ ފަސް ވަނަ އަދި ފަހު ފިލްމެވެ. އެއާ އެކު މިހާރު އެންމެ ބޮޑަށް ބަހުސްކުރެވެނީ ދެން ބޮންޑްގެ ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުންނެވެ. މިހާތަނަށް އެތައް ނަންތަކެއް މީޑިއާތަކަށް ތިލަވެފައިވެ އެވެ.