Roadha Mihaaru
ކްރެއިގަށް ހޮލީވުޑް "ވޯކް އޮފް ފޭމް" ދެނީ

ކްރެއިގަށް ހޮލީވުޑް "ވޯކް އޮފް ފޭމް" ދޭން ނިންމައިފި

05 އޮކްޓޯބަރ 2021

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އެ ކެރެކްޓާ އަށް އަލްވަދާއު ކީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގަށް ހޮލީވުޑް "ވޯކް އޮފް ފޭމްގެ" ޝަރަފު ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އެ ކެރެކްޓާ އަށް އަލްވަދާއު ކީ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގަށް ހޮލީވުޑް "ވޯކް އޮފް ފޭމްގެ" ޝަރަފު ދޭން ނިންމައިފި އެވެ.

މުނިފޫހި ދާއިރާ އަށް ހިދުމަތްކުރާ މީހުންގެ އަގުވަޒަންކޮށް ދޭ ހޮލީވުޑް "ވޯކް އޮފް ފޭމް" ކްރެއިގް، 53، އަށް ދޭން ނިންމި އިރު އޭނާ އަކީ ބޮންޑްގެ ރޯލު ކުޅުނު އެކްޓަރުންގެ ތެރެއިން އެ ޝަރަފު ދެވޭ ހަތަރު ވަނަ އެކްޓަރެވެ. މީޑިއާތަކުން ބުނި ގޮތުގައި އޭނާގެ އެ ޝަރަފުގެ ރަމްޒީ ތަރި އިންނާނީ ބޮންޑްގެ ރޯލު ކުޅުމުގެ ޝަރަފު ތިން ވަނަ އަށް ލިބުނު އަދި 2017 ގައި މަރުވި އެކްޓަރު ރޮޖާ މޯގެ "ވޯކް އޮފް ފޭމްއާ" ކައިރީގަ އެވެ.

ހޮލީވުޑް ވޯކް އޮފް ފޭމް ލިބުނު ބޮންޑްގެ ރޯލު ކުޅުނު އިތުރު ތަރިންނަކީ 1967 ގެ "ކެސިނޯ ރޯޔޭލް" ކުޅުނު އަދި 1983 ގައި މަރުވެފައިވާ ޑޭވިޑް ނިވެން އެވެ. އެ ޝަރަފު ދެން ލިބުނު ތަރި އަކީ ބޮންޑްގެ ރޯލު ހަތަރު ފިލްމެއްގައި ކުޅުނު ޕިއާސް ބްރޮސްނަން އެވެ. އޭނާ ކުޅުނު ބޮންޑްގެ ފިލްމުތަކަކީ ގޯލްޑެން އައި (1995)، ޓުމޯރޯ ނެވަ ޑައިސް (1997)، ދަ ވޯލްޑް އިޒް ނޮޓް އިނަފް (1999) އަދި ޑައި އެނަދަ ޑޭ (2002) އެވެ.

ކްރެއިގަށް ހޮލީވުޑް ވޯކް ފޭމް ދޭން ނިންމި އިރު އޭނާ ފަސް ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅެނެވެ. އެއީ "ނޯ ޓައިމް ޓު ޑައި" ގެ އިތުރުން 2015 ގެ "ސްޕެކްޓާ" އާއި 2012 ގެ "ސްކައިފޯލް" އާއި 2008 ގެ "ކްއަންޓަމް އޮފް ސޮލޭސް" ގެ އިތުރުން 2006 ގެ "ކެސިނޯ ރޯޔޭލް" އެވެ.

ވޯކް އޮފް ފޭމްގެ ޕްރޮޑިއުސަރު އަނާ މާޓިނޭޒް ވިދާޅުވި ގޮތުގައި ބޮންޑްގެ ގޮތުގައި ބެލުންތެރިން ކްރެއިގް ބަލައިގަނެ، އެ ކެރެކްޓާގެ އައިކޮނިކްކަން އޭނާ ދެމެހެއްޓުމަކީ ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ. އެހެންވެ، އެ ޝަރަފް ކްރެއިގަށް ވަރަށް ހައްގުވާ ކަމަށް ވިދާޅުވި އެވެ.

ކްރެއިގް ވޯކް އޮފް ފޭމް ތަރި ރަސްމީކޮށް ދައްކައިލާނީ ބުދަ ދުވަހު އެވެ. މިއާ އެކު އޭނާ ވެގެން ދާނީ އެ ޝަރަފު ލިބޭ 2،704 ވަނަ ފަންނާނަށެވެ.