Roadha Mihaaru
ޖޭމްސް ބޮންޑްގެ ފިލްމަކަށް ގަލް ގެޑޯ އޮޑިޝަން ހެދި

ޖޭމްސް ބޮންޑްގެ ފިލްމަކަށް ގަލް ގެޑޯ އޮޑިޝަން ހެދި

08 ޖެނުއަރީ 2022

މަޝްހޫރު ކްރައިމް ފްރެންޗައިޒް ޖޭމްސް ބޮންޑްގެ ފިލްމަކަށް އޮޑިޝަން ހެދި ނަމަވެސް އެ ފިލްމުން ފުރުސަތު ނުލިބުނު ކަމަށް "ވޮންޑަ ވުމަން" ގެ ރޯލު ކުޅެގެން މަގުބޫލުކަން ހޯދި ހޮލީވުޑްގެ ބަތަލާ ގަލް ގެޑޯ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ކްރައިމް ފްރެންޗައިޒް ޖޭމްސް ބޮންޑްގެ ފިލްމަކަށް އޮޑިޝަން ހެދި ނަމަވެސް އެ ފިލްމުން ފުރުސަތު ނުލިބުނު ކަމަށް "ވޮންޑަ ވުމަން" ގެ ރޯލު ކުޅެގެން މަގުބޫލުކަން ހޯދި ހޮލީވުޑްގެ ބަތަލާ ގަލް ގެޑޯ ބުނެފި އެވެ.

އިޒްރޭލަށް އުފަން ބަތަލާ އިން-ސްޓައިލަށް ދިން އިންޓަވިއުއެއްގައި ބުނީ އޮޑިޝަން ހެދި ޖޭމްސްގެ ބޮންޑްގެ ފިލްމަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލު ކުޅުނު ދެވަނަ ފިލްމު ކަމަށްވާ 2008 ގެ "ކުއަންޓަމް އޮފް ސޮލޭސް" ކަމަށެވެ. ގަލް ގެޑޯ ބުނި ގޮތުގައި އެއަށް އޮޑިޝަން ހެދީ ވެސް އެކްޓިން އަށް މާ ބޮޑު ޝައުގެއް އޮވެގެން އަދި އޮޑިޝަނުން ހޮވޭނެ ކަމަށް އުންމީދު ވެސް ކޮށްގެނެއް ނޫނެވެ.

"އަސްލުވީ ގޮތުގައި ކޮލެޖް ނިންމާލައި މިލިޓަރީގައި ހިދުމަތްކުރުމަށް ފަހު، މޮޑެލްކުރަމުން ފަހުން ޔުނިވަސިޓީއެއްގެ ލޯ ކިޔަވަން އުޅެނިކޮށް އަހަރެން ނިސްބަތްވާ މޮޑެލް އެޖެންސީން ބޮންޑްގެ ފިލްމު ކާސްޓިން ޑިރެކްޓަރަކަށް އަހަރެންގެ ކާޑު ފެނިގެން އޮޑިޝަން ހަދަން ލިބުނީ،" ގަލް ގެޑޯ ބުންޏެވެ. "އޭރު އެ މީހުން ދިޔައީ ބޮންޑްގެ ގާލްއެއް ހޯދުމުގެ މަސައްކަތްކުރަމުން."

އޭނާ ބުނި ގޮތުގައި ކާސްޓިން ޑިރެކްޓަރު އެ ފުރުސަތު ދިނުމުން އެކްޓިން އެއްވެސް ވަރަކަށް ނޭނގޭ ވާހަކަ ބުންޏެވެ. އަދި އޮޑިޝަނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފީ މޮޑެލިން އެޖެންސީން ވަރަށް ބޮޑަށް އެދިގެން ކަމަށް ވެސް ބުންޏެވެ.

"އެކަމަކު ފިލްމުން ފުރުސަތެއް ލިބޭ ގޮތެއް ނުވި. އެކަމަކު އޭގެ ފަހުން އަހަރެން ކޯޗެއްގެ އެހީގައި އެކްޓިން ދަސްކުރަން ފެށިން. އެހެންވެ ފަހުން ހަމަ ކާސްޓިން ޑައިރެކްޓަރު މެދުވެރިކޮށް ފާސްޓް އެންޑް ފިއުރިއަސް އިން ފުރުސަތު ލިބުނީ." ގަލް ގެޑޯ، 36، ބުންޏެވެ.

ދެ ކުދިންގެ މަންމަ ގަލް ގެޑޯ ބުނި ގޮތުގައި ބޮންޑްގެ ފިލްމުން ފުރުސަތު ނުލިބުނަސް ފަހުން އެންމެ ހިތްހަމަޖެހުނު އެއް ކަމަކީ ހޮލީވުޑްގެ މަޝްހޫރު އެހެން ފްރެންޗައިޒް ކަމަށްވާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމަކުން ފުރުސަތު ލިބުމެވެ. އެއީ 2009 ގައި ރިލީޒްކުރި އޭގެ ހަތަރު ވަނަ ފިލްމެވެ. އޭގައި ގަލް ގެޑޯ ކުޅުނީ ޖިޒެލް ޔަޝާރް ކިޔާ ކެރެކްޓާއެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް ހަތަރެކުން ލިބުނު ރޯލަކީ ހައެއްކަ މީހުންނާ އޮޑިޝަނަށް ވާދަކޮށް ލިބުނު ފުރުސަތެއް. އެއީ ހަގީހަތުގައި އެކްޓިން ކެރިއަރުގެ ފެށުމަކީ." މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ގަލް ގެޑޯ ބުންޏެވެ.

"ކުއަންޓަމް އޮފް ސޮލޭސް" ގައި ބޮންޑް ގާލްގެ ރޯލު ކުޅުނީ ޔުކްރޭން ދަރިކޮޅުގެ ފްރާންސްގެ ބަތަލާ އޮލްގާ ކަރިލެންކޯ އެވެ. އޭނަ އަށް އެ ރޯލު ލިބުނީ އޮޑިޝަން ހެދި 400 އަންހެނުންގެ ތެރެއިންނެވެ.

ބޮންޑްގެ ފިލްމެއްގައި ގަލް ގެޑޯ އަށް މަސައްކަތްކުރަން ނުލިބުނަސް އޭނާ އަކީ މިހާރު ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ގަލް ގެޑޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ސްނޯ ވައިޓް އެންޑް ދަ ސެވެން ޑުވާފްސް" "ކުލިއޮޕަޓްރާ" އަދި "ވޮންޑަ ވުމަން 3" ހިމެނެ އެވެ.