Roadha Mihaaru
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު

ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު

08 ނޮވެމްބަރ 2021

މިހާތަނަށް އަދި ފިލްމެއްގައި ނުބައިބައި ރޯލެއް ކުޅެފައި ނުވާތީ އެފަދަ ރޯލަކަށް ވަރަށް ޝައުގުވެރިވާ ކަމަށާއި އެންމެ ބޮޑު ހުވެފަނަކީ މަޝްހޫރު ފްރެންޗައިޒް ޖޭމްސް ބޮންޑްގެ ފިލްމެއްގައި ނުބައިބައި ރޯލެއް ކުޅުން ކަމަށް މަޝްހޫރު އިނގިރޭސި ބަތަލާ ކްރިސަޓެން ސްޓޫއަޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އަދި ފިލްމެއްގައި ނުބައިބައި ރޯލެއް ކުޅެފައި ނުވާތީ އެފަދަ ރޯލަކަށް ވަރަށް ޝައުގުވެރިވާ ކަމަށާއި އެންމެ ބޮޑު ހުވެފަނަކީ މަޝްހޫރު ފްރެންޗައިޒް ޖޭމްސް ބޮންޑްގެ ފިލްމެއްގައި ނުބައިބައި ރޯލެއް ކުޅުން ކަމަށް މަޝްހޫރު އިނގިރޭސި ބަތަލާ ކްރިސަޓެން ސްޓޫއަޓް ބުނެފި އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޓްވައިލައިޓް" ސާގާ އިން ވިދި 31 އަހަރުގެ ބަތަލާ ޑެއިލީ މެއިލަށް ދިން އިންޓަވިއުއެއްގައި ބުނީ ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ބޮންޑްގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް ވަރަށް ބޭނުން ބޮންޑް ފްރެންޗައިޒްގައި މަސައްކަތް ކޮށްލަން. ބޮންޑް ގާލް [ބޮންޑްގެ ލީޑް ބަތަލާ] އާއި ބޮންޑްގެ ވިލަންގެ ރޯލަކީ ވެސް އަހަންނަށް ކުޅެވިދާނެ ރޯލްތަކެއް ކަމަށް ގަބޫލުކުރަން. ވަކިން ހާއްސަކޮށް ވިލަންއެއްގެ ރޯލަކީ ހުވަފަނެއް. މިހާތަނަށް އަދި އެކަހަލަ ރޯލެއް ނުވެސް ކުޅެން." މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ސްޕެންސާ" ގައި ޕްރިންސެސް ޑަޔާނާގެ ރޯލު ކުޅުނު ކްރިސްޓަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ މަހު ރިލީޒްކުރި ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަކީ ވެސް ވަރަށް ކަމުދިޔަ ފިލްމެކެވެ. އަދި އޭގައި ބަތަލާގެ ރޯލު ކުޅުނު އެކުވެރިޔާ ލިއާ ސެޑޫގެ ރޯލު ވެސް ވަރަށް ފުރިހަމަ ކަމަށް ކްރިސްޓެން ބުންޏެވެ.

"ލިއާ އަކީ ވަރަށް ކޫލް ބަތަލާއެއް." އޭނާ ބުންޏެވެ.

ދެ ތަރިން މިހާރު އަންނަނީ އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަދި ރިލީޒް ކުރާނެ އިރެއް އިއުލާން ނުކުރާ ޑައިރެކްޓަރު ޑޭވިޑް ކްރޮނެންބާގްގެ ބިރުވެރި ފިލްމު "ކްރައިމްސް އޮފް ދަ ފިއުޗާ" އެވެ.

ޖޭމްސް ބޮންޑްގެ ފިލްމަކަށް ކްރިސްޓަން ޝައުގުވެރިކަން ފާޅުކުރި އިރު، އެ ފިލްމުގެ ޕްރޮޑިއުސަރުން ދާދި ފަހުން ބުނެފައިވާ ގޮތުގައި އެ ސީރީޒްގެ ކުރިއަށް އޮތް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ 2023 ހިސާބުގަ އެވެ. ސަބަބަކީ ބޮންޑްގެ ފަހު ފަސް ފިލްމުގައި ޓައިޓްލް ރޯލު ކުޅުނު އެކްޓަރު ޑެނިއަލް ކްރެއިގް "ނޯ ޓައިމް ޓު ޑައި" އާ އެކު އެ ސީރީޒަށް އަލްވަދާއު ކިޔާފައިވާތީ، އެ ރޯލު ދެން ކުޅޭނެ އެކްޓަރަކު ހޮވުން ވަރަށް ބޮޑު ކަމަކަށް ވާނެތީ އެވެ.