Roadha Mihaaru
ޝަކުވާތަކަށް ޖަވާބު ނުލިބޭ ނަމަ އަންގަން އެދިއްޖެ

ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓުގެ ޝަކުވާތަކަށް ޖަވާބު ނުލިބޭ ނަމަ އެކަން އަންގަން އެދިއްޖެ

07 ފެބުރުއަރީ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމާ ބެހޭގޮތުން ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ނުލިބޭ ނަމަ، އެކަން އަންގަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމާ ބެހޭގޮތުން ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ނުލިބޭ ނަމަ، އެކަން އަންގަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އެދިއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ޔާމީންގެ ސަރުކާރުން ދޭން ނިންމާފައިވަނީ އިންސާފުވެރިކޮށް ތޯ ބަލަން މި ސަރުކާރުން އެކުލަވައިލި ކޮމިޓީން ނެރުނު ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވައިލުމުން 8،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުށަހެޅި ހުރިހާ ޝަކުވާއަކަށް އީމެއިލް މެދުވެރިކޮށް ޖަވާބު ފޮނުވާފައި ވިޔަސް، ބައެއް އީމެއިލްތަކަށް ޖަވާބު ޑެލިވާ ނުވާ ކަމަށް ފާހަގަވާ ކަމަށެވެ. އެހެންވެ، ޝަކުވާ ހުށަހެޅި އެއްވެސް ފަރާތަކަށް ޖަވާބު ނުލިބި އޮތް ނަމަ، އެކަން މާދަމާ މެންދުރު 3 ގެ ކުރިން އެ މީހެއްގެ އައިޑީކާޑު ނަމްބަރާއި އީމެއިލް އެޑްރެސް، އެ ކޮމިޓީގެ ނަމްބަރު 7761108 ނުވަތަ 7226016 އަށް މެސެޖު ކުރަން އެދޭ ކަމަށް އިއުލާނުގައިވެ އެވެ.

އެ ކޮމިޓީން ކުރިން ބުނެފައިވާ ގޮތުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރޭނީ ޝަކުވާތަކަށް ވަކިވަކިން ޖަވާބު ދިނުމަށް ފަހު އެވެ. އެ ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ މެދު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.