Roadha Mihaaru
ޕޮއިންޓު ދިން ގޮތް ގޯސް، އަލުން ބަލަން ޖެހޭ: ކޮމިޓީ

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިނީ ގޯސްކޮށް، އަލުން ބަލަންޖެހޭ: ކޮމިޓީ ރިޕޯޓް

28 މާޗް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުން ފޯމުތައް، މި ސަރުކާރުގެ ފްލެޓް ކޮމިޓީން މުރާޖައާ ކުރިއިރު، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ވަނީ ފުރިހަމަ އަށް ނޫން ކަމަށާއި ދާއިމީ ލިސްޓުގައި ހިމެނުނީ ފްލެޓްތަކުގެ ހައްގުވެރިންނަށްތޯ އަލުން ކަށަވަރު ކުރުމަށް ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ލަފާ ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުން ފޯމުތައް، މި ސަރުކާރުގެ ފްލެޓް ކޮމިޓީން މުރާޖައާ ކުރިއިރު، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ވަނީ ފުރިހަމަ އަށް ނޫން ކަމަށާއި ދާއިމީ ލިސްޓުގައި ހިމެނުނީ ފްލެޓްތަކުގެ ހައްގުވެރިންނަށްތޯ އަލުން ކަށަވަރު ކުރުމަށް ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ލަފާ ދީފި އެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓް ބެހުމުގައި އަމަލުކޮށްފައިވާ ގޮތް މި ސަރުކާރުން އަލުން ރިވިއު ކުރި ގޮތާ ގުޅޭ ގޮތުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ފެބްރުއަރީ 28، 2021 ގައި ވަނީ ހިޔާ ފްލެޓު ދިން ގޮތާއި މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ރާވާފައިވާ ގޮތް ދިރާސާ ކުރަން ފަށައިފަ އެވެ. އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އެކި މީސްމީހުން މަޖިލީހަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން ފްލެޓް ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމަ އަށް ވަޒަން ކުރުމަށް އެ ރިޕޯޓުގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން ފްލެޓު ކޮމިޓީން ފޯމްތައް އަލުން ރިވިއު ކުރިއިރު، ޝަރުތު ހަމަނުވާ މީހުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ކަމަށާއި ޝަރުތު ހަމަވާ ގިނަ މީހުން ދާއިމީ ލިސްޓުގައި ހިމެނިފައި ނުވާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެހެންކަމުން އެކަން ރަނގަޅަށް ދިރާސާކޮށް، ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނިފައި ވަނީ ފްލެޓު ލިބުން ހައްގު މީހުންތޯ އަލުން ކަށަވަރު ކުރަންޖެހޭ ކަމަށާއި އެފަދަ މީހުންތަކެއް ވާ ނަމަ ދާއިމީ ލިސްޓުން އުނި ކުރުމަށް ކޮމިޓީން އެދިފައި ވެ އެވެ.

ހިޔާ މަޝްރޫއުގެ އެހެން ކެޓަގަރީތަކާ ހިލާފަށް ސިވިލް ސާވިސް މުވައްޒަފުންނަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއް ނެތި ގެދޮރުވެރިކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ރަނގަޅު މީހުން ވެސް ސިވިލް ސާވިސް ކެޓަގަރީގެ ދަށުން ފްލެޓް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން ސިވިލް ސާވިސް ކެޓަގަރީ އަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަަންކޮށް، ޕޮއިންޓު ދޭނެ އުސޫލެއް ފްލެޓު ކޮމިޓީން ކަނޑައަޅައި، އެ ކެޓަގަރީ އަލުން ރިވިއު ކުރަން އަންގަން އެ ރިޕޯޓުގައި ވަނީ ނިންމައިފަ އެވެ.

ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ވަކި ފަންނެއްގައި ކުރިއަރާފައިވާ މީހުން ނުވަތަ ވަކި ވަޒީފާއަކާއި ވަކި މަގާމެއްގައި ތިބި މީހުންނަށް ހާއްސަކޮށް ކެޓަގަރީއެއް ހެދުމުގެ ބަދަލުގައި އާމްދަނީ އާއި ހާލަތަށް ބަލައި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފެލްޓު ދޭނެކަން ކަށަވަރު ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.

ފްލެޓް ކޮމިޓީން ކޮށްފައިވާ މަސައްކަތާ ގުޅޭ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ވެސް ފާހަގަ ކުރިއިރު ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތައް ލިބިފައިވާ މީހުންގެ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަވާލު ކުރުމަށެވެ.

އެ އެއްބަސްވުން ފަރުމާ ކޮށްފައި ވަނީ ފްލެޓްތަކަށް ވަދެވޭ ވަރުވުމުން ފްލެޓް ލިބޭ މީހުން، ފްލެޓުގެ ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުން ފަދަ ކަންކަން އަމިއްލަ އަށް ކުރަން ޖެހޭ ފަދަ ގޮތަކަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ތާރިހަށް މި މަހުގެ ނިޔަލަށް އެކަންތައް ކޮށް ނިންމުމަށް ވެސް ކޮމިޓީން ވަނީ ސަރުކާރަށް ލަފާ ދީފަ އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ފްލެޓް ލިބުނު މީހުންގެ ލިސްޓު، ޔާމީންގެ ސަރުކާރުން އާންމު ކުރިއިރު އޭގައި ކޮރަޕްޝަނާއި ޖިނާއީ މައްސަލަތައް ހިމެނޭ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުމަށް ފޮނުވުން އަވަސް ކުރުމަށް ވެސް އެ ކޮމިޓީން ސަރުކާރަށް ލަފާދިނެވެ.