Roadha Mihaaru
ހިޔާ ފްލެޓްގެ ކުލި ކުޑަކުރަން ގޮވާލައި މުޒާހަރާކޮށްފި

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ގޮވާލައި މުޒާހަރާކޮށްފި

13 އޯގަސްޓް 2021

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި އެ ފްލެޓްތަކުގެ ކައިރީގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި އެ ފްލެޓްތަކުގެ ކައިރީގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން ހިންގާ "ހިޔާ ޔޫނިއަން" އިން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާ ކުރިއަށް ގެންދިޔައީ ވަރަށް ހިމޭންކޮށް، ސުލްހަވެރިކަމާ އެކުގަ އެވެ. ފްލެޓް ލިބުނު މީހުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއްވަން ބޭނުންކުރީ ލިޔެފައިވާ ބޯޑުތަކެކެވެ. ބޯޑުތައް ހިފައިގެން އެ މީހުން މަގުމަތީ ތިބީ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލިކުޑަކުރަން ގޮވާލައި މުޒާހަރާކުރަނީ

ހިޔާ ފްލެޓްތަކުގެ ކުލިކުޑަކުރަން ގޮވާލައި މުޒާހަރާކުރަނީ

މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ގޮތުގައި ފްލެޓަކަށް މަހަކު ދައްކަން ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. ގެ ކުއްޔާއި ސާވިސް ފީގެ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000ރ. އަކީ ފްލެޓް ލިބުނު އާއިލާތަކަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ. އެހެންވެ ފްލެޓްގެ އަގުގެ ގޮތުގައި މަހަކު ދައްކަން ޖެހޭ 7،500ރ. ގެ ބަދަލުގައި 5،000ރ. އަދި ސާވިސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. ގެ ބަދަލުގައި 600ރ. ނަގާ ގޮތަށް ބަދަލުކުރަން މުޒާހަރާގެ ބައިވެެރިން ގޮވައިލި އެވެ.

މުޒާހަރާގައި ގެންގުޅުނު ބޯޑުތަކުގެ އެއް ފަރާތުގައި އަގު ކުޑަކުރަން ގޮވާލައި މެސެޖްތައް ލިޔެފައި އޮތް އިރު އަނެއް ފަރާތުގައި ލިޔެފައިވާ އޮތީ "މި ނިކުތީ" އަދި " މިއީ ފެށުމެއް" ފަދަ އިބާރާތްތަކެވެ.

މުޒާހަރާ އިންތިޒާމްކުރި ހިޔާ ޔޫނިއަނުން ބުނި ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ ފްލެޓްތަކުގެ ސައިޒާ ވެސް އެކަށީގެން ނުވާ އަދި ސޯޝަލް ހައުސިން ސްކީމަކަށް އެކަށީގެންވާ އަގުތަކެއް ނޫނެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުން އަންނަނީ މިދިޔަ މަހުގެ 14 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަމުންނެވެ. ފްލެޓް ލިބުނު މީހުން މުޒާހަރާ އަށް ނުކުތީ ކުލީގެ މައްސަލާގައި ގިނަ ބައެއްގެ ސޮޔާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅުމަށް ފަހުގަ އެވެ.

ސަރުކާރުން ވަނީ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ޓަކައި، ޑިސެމްބަރު މަހާ ހަމައަށް ކުލި ނުނަގަން ނިންމައިފަ އެވެ. ނަމަވެސް ކުލި ކުޑަކުރާނެ ކަމުގެ އިޝާރާތެއް އަދި ނުވެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށް ބެލެވެ އެވެ.