Roadha Mihaaru
ފުރަތަމަ ޑޯޒަށްފަހު މާބަނޑުވެއްޖެނަމަ ދެން ދޭނީ ފައިޒާ

ކޮވިޑް-19: ފުރަތަމަ ޑޯޒަށް ފަހު މާބަނޑުކަން އެނގިއްޖެ ނަމަ ދެ ވަނަ ޑޯޒަށް ދޭނީ ފައިޒާ

28 ޖުލައި 2021

ކޮންމެ ބްރޭންޑެއްގެ ކޮވިޑް ވެކްސިނެއް ޖެހި ފަހުން ވިޔަސް މާބަނޑު އެނގިއްޖެ ނަމަ ދެ ވަނަ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ ވެކްސިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮންމެ ބްރޭންޑެއްގެ ކޮވިޑް ވެކްސިނެއް ޖެހި ފަހުން ވިޔަސް މާބަނޑު އެނގިއްޖެ ނަމަ ދެ ވަނަ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ ވެކްސިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޝީލްޑް ނުވަތަ ސައިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން، އެ މީހަކު މާބަނޑު ކަން އެނގިއްޖެ ނަމަ އެ މުއްދަތަށް ފަހު ފައިޒާ ވެކްސިން ދޭނެ ކަމަށެވެ.

ކޮވިޑުން ދިފާއު ވުމަށް ރާއްޖޭގައި މިހާތަނަށް ދީފައި ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑާއި ޗައިނާގެ ސައިނޮފާމް ވެކްސިނެވެ. ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒު ފުރަތަމަ ޖަހަން ފެށީ، ފުރަތަމަ ޑޯޒު ޖެހިތާ 12 ހަފުތާ ފަހުންނެވެ. އެކަމަކު އެ ބްރޭންޑުގެ ވެކްސިން ހުސްވާން ފެށުމުން އެ މުއްދަތު އިތުރުކުރި އެވެ.

ސައިނޮފާމްގެ ދެ ވަނަ ޑޯޒު ޖަހަނީ، ފުރަތަމަ ޑޯޒު ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.

މާބަނޑު މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް މި ވަގުތު އަންނަނީ ފައިޒާ ވެކްސިން ދެމުންނެވެ. އެކަމަކު، އެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން 18 މީހަކު ދެ ވަނަ ޑޯޒު ނުޖެހި އެބަތިއްބެވެ.

އެކަމަކު، މާބަނޑު މީހުންނާއި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ފައިޒާގެ އިތުރު ޑޯޒުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.