Roadha Mihaaru
ސިޓީން ސެމީގެ އުއްމީދު ދޫކޮށެއްނުލާ: ގާޑިއޯލާ

ސިޓީން ސެމީގެ އުއްމީދު ދޫކޮށެއްނުލާ: ގާޑިއޯލާ

10 އެޕްރީލް 2018

މެންޗެސްޓާ (އޭޕްރީލް 10) - ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ލިވަޕޫލް އަތުން 3-0 އިން ބަލިވެފައިވީ ނަމަވެސް މެންޗެސްޓާ ސިޓީން އަދި ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދޫކޮށެއްނުލާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޭޕްރީލް 10) - ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ލިވަޕޫލް އަތުން 3-0 އިން ބަލިވެފައިވީ ނަމަވެސް މެންޗެސްޓާ ސިޓީން އަދި ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދޫކޮށެއްނުލާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އަށް ސެމީގެ ފުރުސަތު ލިބޭނީ މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ލިވަޕޫލް އަތުން ތިން ލަނޑަށް ވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މެޗު 3-0 އިން ނިމިއްޖެނަމަ އިތުރު ވަގުތު ކުޅޭނެ އެވެ.

ލިވަޕޫލް އަތުން ޗެމްޕިއަންސް ލީގުގައި ބަލިވިތާ ތިން ދުވަސް ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ވަނީ ވާދަވެރި ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް އުނދަގޫ ވަގުތުތަކެއް ކަމަށެވެ.

"ފުޓްބޯޅައިގައި އަންނާނެ މި ކަހަލަ ދުވަސްތަކެއް ކޮންމެ ޓީމަކަށް ވެސް. މީގެ އިން އަރައިގަނެވޭނެ ހަމައެކަނި ގޮތަކީ މޮޅު ފުޓްބޯޅައެއް ކުޅެގެން. ތެދެއް އަހަރެމެން ފުރަތަމަ ލެގަށް ބަލަންޏާ މުބާރާތުން ކަޓައިފި. އެކަމު ވަރަށް ފުރިހަމަ މެޗެއް ކުޅެފިނަމަ އަދިވެސް ސެމީ ފައިނަލުގެ ދޮރު އޮތީ ހުޅުވިފައި،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ ނޫން ގިނަ ކަންތައްތައް ދިޔައީ އޭނާ ހިތްހަމަ ޖެހޭ ގޮތަށް ކަމަށެވެ.

"ލިވަޕޫލާ ދެކޮޅަށް އަހަރެމެންނަށް ފުރުސަތެއް ތަނަވަސް ނުކުރެވޭ. އެކަމު ޔުނައިޓެޑާ ދެކޮޅަށް ދިޔައީ އެހެނެއް ނޫން. އެ މެޗުގައި ގޯސްކޮށްދިޔައީ ނަތީޖާ އެކަނި. ކުޅުނު ފުޓްބޯޅަ އަށް ބަލާއިރު އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި މެޗަށް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފިޓްވެފައިވުމެވެ. ސިޓީ ދަނޑުގައި ލިވަޕޫލް ކޮޅަށް ކުޅުނު މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަގުއޭރޯ އެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ތައްޔާރުވާއިރު، އެ ޓީމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ވިންގް މުހައްމަދު ސަލާހު މި މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ. ސިޓީ އަތުން މޮޅުވި ފުރަތަމަ ލެގުގެ މެޗުގައި ފަޔަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދުމުގެ ގޮތުން ސަލާހަށް އަރާމްކުރަން ލިވަޕޫލުން ވަނީ ވަގުތު ދީފަ އެވެ. ލިވަޕޫލުން އެންމެ ފަހުން ބޭއްވި ދެ ޓްރެއިނިން ސެޝަންގައި ސަލާހު ވަނީ ބައިވެރިވެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގާޑިއޯލާ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކޯޗު ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުތަކާ ދެކޮޅަށް ފޭވަރިޓުން ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ފޭވަރިޓުންނަކީ ކޮން ބަޔެއް ކަން އަހަރެމެން ނުވިސްނަން. ސިޓީ އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އަހަރެމެންނަށް އެނގޭ. ދެން ގާޑިއޯލާ އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު ކޯޗު. އެކަމަކު އަހަންނަށް ޔަގީންވާ ކަމަކީ އެންމެ ފުރިހަމަ ފުޓްބޯޅަ ޓީމެއް ދުނިޔޭގައި ނެތް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.