އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ތަހުގީގާއި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކުރިން ވެސް ފިލާފައި ހުރި މީހަކަށް ވާތީ ޕާސްޕޯޓް ދޫކޮށްފި ނަމަ އޭނާ އެނބުރި ވަޑައިނުގަތުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
11 ފެބުރުއަރީ 2021
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ތަހުގީގާއި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކުރިން ވެސް ފިލާފައި ހުރި މީހަކަށް ވާތީ ޕާސްޕޯޓް ދޫކޮށްފި ނަމަ އޭނާ އެނބުރި ވަޑައިނުގަތުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތް މައްސަލައިގައި ޕީޖީ އޮފީހަށް އަމާޒުވި ފާޑުކިއުންތަކުން ދިފާއުވާން ނެރުނު ބަޔާނުގައި މައްސަލައަކަށް ދެއްކީ ކޯޓުން އަމަލުކޮށްފައިވާ ގޮތެވެ.
ޕީޖީ އޮފީހުން ބުނީ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"...މި މައްސަލަ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މި އޮފީހުން އެބަ ކުރަމެވެ،" ޕީޖީގެ އޮފީހުގެ ފަސް ސޮފްހާގެ ބަޔާނުގައިވެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހަތަރު މަހަށް ދޫކުރުމުގެ އަމުރު ނެރުއްވީ ފަނޑިޔާރު ހަސަން ސައީދެވެ.
އޭނާ އަކީ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ފިލާފާނެ މީހެއް ކަމަށް ޕީޖީން ބުނަނީ ބެލެވޭ ގޮތުގައި 2015ގައި ބޭއްވި މޭޑޭގެ މުޒާހަރާގައި ކުރި ތުހުމަތާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ދޫކޮށްލުމުން އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވީ އެވެ. ރާއްޖެ ވަޑައިގަތީ މި ވެރިކަން ފެށުމުންނެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކަ ހަގީގަތާ ޚިލާފެވެ. އާއްމުވި ކޯޓު އަމުރުގައި، އަމުރަށް އެދުނު ފަރާތަކީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށް އޮތީ ކޯޓުގެ އިދާރީ އޮޅުމަކުން ކަމަށް ކޯޓުން ބުނާ ކަަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
އަލީ ވަހީދަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ރާއްޖެ އިން ފުރުން އެންމެ ފުރަތަމަ މަނާކުރީ ޖުލައި، 10، 2020ގަ އެވެ. އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކުރަން ހުށަހަޅައި އަމުރު ހޯދި ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކޮށްދޭން އަލީ ވަހީދު ހުށަހަޅުއްވައި މިދިޔަ ޖެނުއަރީ 24 ގައި އަޑުއެހުން ބޭއްވުމާ ހަމައަށް ވެސް އަލީ ވަހީދު ހުށަހެޅުއްވި ސިއްހީ ހާލަތު ގޯސްކަމުގެ ލިއުންތައް ޝަރީއަތުން ނުލިބޭ ކަމަށެވެ.
"...ދައުލަތުން ކޯޓުގައި ދަންނަވާފައި ވާނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައިފި ނަމަ ފިލައިގެން ދިއުމާއި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އިންތިހާއަށް އޮތުމުން ޕާސްޕޯޓް ދޫކުރަން އިއުތިރާޟްކުރާ ކަމަށެވެ،" ބަޔާނުގައިވެ އެވެ.
ކޮންމެ ސިއްހީ މައްސަލަައަކަށް ބޭރުން ފަރުވާ ހޯދަން ނުޖެހޭ ކަމަށާއި ފިލާފާނެ ކަމުގެ ނިޔަތް އޮތް މީހެއްގެ ޕާސްޕޯޓް ދޫކުރަންވާނީ ރާއްޖެ އިން ފަރުވާ ނުކުރެވޭނެ ފަދަ ސީރިއަސް މައްސަލައެއް ހުރެގެން ވަގުތުން ފަރުވާދޭން ޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވެސް ކޯޓުގައި ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ބަޔާނުގައި ބުނީ ލިއުންތައް ނުބަލައި އެއްބަސްވާން ދަތިކަމަށް ބުނުމުން ކޯޓުން ދެއްކީ ރާއްޖެ އިން ބޭރުން އަލީ ވަހީދު ފަރުވާ ހޯދަން ޖެހޭ ކަމަށް ޓްރީ ޓޮޕް އިން ކަށީގެ ޑރ. މުޒްނީ ދޫކޮށްލާފައިވާ ލިއުމެއް ކަމަށެވެ. އެ ލިއުމުގެ ސައްހަކަން، އެކްސްޕާޓެއްގެ އެހީއާ ނުލައި ކަށަވަރު ނުކުރެވޭނެ ކަމަށާއި އެފަދަ ސިއްހީ މައްސަލައެއް ހުރި ކަމަށް އެ ލިއުމުގެ މައްޗަށް ނިންމެން ނެތް ކަމަށް ބުނުމުން އައިޖީއެމްއެޗުން އަލުން ޗެކަޕް ހެދުމަކީ ކްރިމިނަލް ކޯޓުގެ އަމިއްލަ ނިންމުމެއް ކަމަށް ބަޔާނުގައިވެ އެވެ.
"މިއީ މިބާވަތުގެ މައްސަލައެއްގައި، މި ހާލަތުގައި އާއްމުކޮށް ކޯޓުން ކުރައްވާ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗުން އަލީ ވަހީދަށް ދޫކުރި އަދި ކޯޓާ ހިއްސާކޮށްފައިވާ ލިއުންތައް މިހާތަނަށް ވެސް ދައުލަތަށް ފެނިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބަޔާނުގައި ކިޔައިދީފައިވާ ގޮތުގައި އައިޖީއެމްއެޗުން އަލީ ވަހީދަށް ފަރުވާކުރި ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ބޭއްވި އަޑު އެހުމުގައި ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މައިބަދައިގެ ޑިސްކް މައްސަލައަކާ ހެދި އެވެ.
އެ ސާޖަރީ ރާއްޖެ އިން ވެސް ކުރެވެ އެވެ. އެކަމަކު ޝާން ވިދާޅުވަނީ އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖޭގައި ކުރަން ރެކޮމެންޑްނުކުރާނެ ކަމަށެވެ. ރާއްޖޭގައި ވަރަށް ފަހުން އެ ސާޖަރީ ހެދި މީހަކު މަރުވެފައިވާ ކަމަށް ޝާން ވިދާޅުވި ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ޝާންގެ ލަފަޔާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތް އެހުމުން ބޭސްފަރުވާ އަށް އިއުތިރާޒް ނުކުރާނެ ކަމަށާއި ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ދަމަހައްޓައި، މީހަކު ޖާމިނުކުރުވައި ވަކި މުއްދަތަކަށް ބޭރަށް ދިއުމުގެ ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރަން އެދޭ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށެވެ.
މިކަމަށް އަލީ ވަހީދުގެ ފަރާތުން އިއުތިރާޒްކުރި އެވެ. އޭނާއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި ޝަރީއަތަށް ކުރިން ފިލާފައި ނުވާނެ ކަމަށް އަޑުއެހުމުގައި ބުނެފައިވެ އެވެ. ޖިންސީ ކުށުގެ ދައުވާ އުފުލާފައިވާ މީހެއް ކަން އެނގޭ ގޮތަށް ޓްރެވަލް ޑޮކިއުމްނެޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރެއް ކަމަށާއި އެހެން އޮތުމުން އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދަން ދަތުރުކުރަން ހުރަސްއެޅޭ ކަމަށް އަލީ ވަހީދުގެ ފަރާތުން ކޯޓުގައި ބުނި ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.
އޭގެ ރައްދެއްގެ ގޮތުގައި، ބޭސްފަރުވާ އަށް ބޭނުންވާނީ ޕާސްޕޯޓް ނޫން ކަމަށް ދައުލަތުން ބުނި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މީގެ އިތުރުން ޕީޖީގެ ބަޔާނުގައިވަނީ، ޖިނާއީ ދައުވާއެއް އުފުލާފައިވާ މީހެއްގެ ހައްގުތައް ގާނޫނުއަސާސީން ގައިދުވެފައިވާ ކަމަށާއި އަދުލު އިންސާފު ގާއިމްވުމުގެ ހައްގަކީ ހަމައެކަނި ދައުވާ ލިބޭ މީހާގެ ހައްގެއް ނޫން ކަމަށް ކޯޓުގައި ބުނި ކަމަށެވެ.
"އެއީ، ދައުވާ ލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި މުޅި މުޖުތަމައުގެ ހައްގެއް ކަމަށާއި އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާން ޖެހޭނީ ހަމައެކަނި ދައުވާ ލިބޭ މީހާގެ މަސްލަހަތު ބުރަވާ ގޮތަކަށް ނޫން ކަމަށާއި މި ދެންނެވުނު އެންމެހާ ހައްގުތައް ބެލެންސްކުރަންވާނެ ގޮތަކަށް ކަމަށެވެ،" ބަޔާނުގައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ ވަކި މުއްދަތަކަށް މީހަކު ޖާމިނުކޮށް ޕާސްޕޯޓް ދޫކުރިއަސް ރާއްޖެ އިން ފުރާ ހިސާބުން އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެ ކަމަށާއި އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭނެ ކަމާ މެދު ވެސް ޔަގީންކަން ނެތް ކަމަށް ކޯޓުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.
ބަޔާނުގައި ބުނި ގޮތުގައި ދައުލަތުން އެދުނީ ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްދިނުމަށެވެ.
އެކަމަކު ހަތަރު މަހަށް ޕާސްޕޯޓް ދޫކުރަން ނިންމެވީ ފަނޑިޔާރު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ޖާމިނުކުރުވީ ކާކުތޯ އެހުމުން އަލީ ވަހީދު ހުށަހެޅީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އެ ދުވަހު ޕާސްޕޯޓް ދޫކުރަން ނިންމި ލިއުމާއި ޖާމިނުކުރުވި ލިއުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިއުންތައް ހިއްސާކޮށްފައެއް ނުވެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރާ މެދު ޕީޖީ އޮފީހުން އިއުތިޒާރުކުރާ ނަމަ، އެ މައްސަލަ އިސްތިއުނާފް ނުކުރި ނިޔަތާ މެދު ޕީޖީ އޮފީހަށް ދަނީ ފާޑުކިޔަމުންނެވެ.
ބަޔާނުގައި އެއަށް ޖަވާބުދެމުން ބުނެފައި ވަނީ ޕާސްޕޯޓް ދޫކޮށްލި އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރުފަހު 2:30 ގައި ފެށިގޮތަށް ނިމުނީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ.
"ޕާސްޕޯޓް ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކެމެވެ. އެ ނިންމުން އިސްތިއުނާފްކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
އިނގިރޭސިވިލާތަށް އަލީ ވަހީދު ފުރާވަޑައިގަތީ އެނގިފައިވާ ގޮތުގައި އިއްޔެގެ ހެނދުނެވެ.
އަލީ ވަހީދު އެނބުރި ވަޑައިނުގެންފި ނަމަ އޭނާގެ މައްޗަށާއި ޖާމިނުވީ އައްސަދުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި އޮތީ ދީފަ އެވެ.
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ހައްޔަރުކުރީ ޕީޖީއަށް ފާރަލާން އުޅުނު މީހެއް
ގެވެށިއަނިޔާ މައްސަލަ އަވަހަށް ނިންމަން މެސެޖް ފޮނުވަނީ
ކްރިމިނަލް ކޯޓު ހުއްޓުމުން ޕީޖީގެ ކަންބޮޑުވުން
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ނެގީ ރަނގަޅަށް: ޕީޖީ
ދައުވާ ކުރިއަށް ގެންދާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ
"މަހްލޫފްގެ މައްސަލަ އިސްތިއުނާފްކުރަން އެބަ ވިސްނަން"