Roadha Mihaaru
4،700 ޓޫރިސްޓުންނާ އެކު އަހަރުގެ އާ ރެކޯޑެއް

މިއަދު 4،700 ޓޫރިސްޓުންނާ އެކު އަހަރުގެ އާ ރެކޯޑެއް

12 ފެބުރުއަރީ 2021

މިއަދު ރާއްޖެއަށް 4،700 ޓޫރިސްޓުން ޒިޔާރަތްކޮށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރެކޯޑް އާވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިއަދު ރާއްޖެއަށް 4،700 ޓޫރިސްޓުން ޒިޔާރަތްކޮށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހުގެ ރެކޯޑް އާވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައި ޓޫރިޒަމް ދާއިރާގެ އެންމެންނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަށް ފަށާފައިވާ ވެކްސިނާއެކު ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު އުޖާލާ ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު އިއްޔެގެ ނިޔަލަށް 124،753 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.6 ޕަސެންޓް ދަށް އަދަދެކެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 229،280 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް ގެންނަން ޖެހުމަށް ފަހު އަލުން ފަށައި އިންޑަސްޓްރީ އަށް މަޑުމަޑުން އަންނަނީ ދިރުން ލިބެމުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވުމުން އެއާ އެކު 2019ގެ ހުރިހާ ޓޫރިސްޓް ރެކޯޑެއް މި އަހަރު މުގުރާލެވޭނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.