Roadha Mihaaru
އަމީތާބާ އެކު ސޫރަޖް ހަދާ ފިލްމު ފަސްކޮށްފި

އަމީތާބާ އެކު ސޫރަޖް ހަދާ ފިލްމުގެ ޝޫޓިން ފަސްކޮށްފި

16 ފެބުރުއަރީ 2021

އަމީތާ ބައްޗަންއާ އެކު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މަސައްކަތްކުރަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާ ބައްޗަންއާ އެކު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މަސައްކަތްކުރަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ކުރިން ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން އިތުރު އެހެން ބޮޑު ދެ ޕްރޮޖެކްޓަކަށް ވެސް ތައްޔާރީތައް ވަމުން އަންނާތީ އާއި އަމީތާބް ވެސް އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީކޮށް މި ވަގުތު އުޅެން ޖެހިފައި އޮތުމުން ފިލްމުގެ ޝޫޓިން ސެޕްޓެމްބަރަށް ފަސްކުރީ އެވެ. އަމީތާބް މިހާރު އަންނަޖީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ" ގެ މަސައްކަތްކުރަމުންނެވެ.

އަމީތާބާ އެކު ސޫރަޖް ހަދަން އުޅޭ ފިލްމަކީ ދުވަސްވީ ދެ އެކުވެރިންގެ ވާހަކައެއް، ސޫރަޖް އާންމުކޮށް ފިލްމު ހަދާ ސްޓައިލްގައި ބޮޑު އާއިލާތަކެއް ވެސް ދައްކުވައިދޭ ގޮތަށް ގެނެސްދޭ ފެމިލީ ޑްރާމާއެއް ކަމަށް މީޑިއާތަކުން ބުނެ އެވެ. އަމީތާބާ އެކު، މީގެ އެންމެ މުހިއްމު އެކަކީ ބޮމަން އިރާނީ އެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" ފަދަ ކާމިޔާބު، ރީތި ފިލްމުތަކެއް ގެނެސްދިން ސޫރަޖް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޭނާގެ ޑާލިން ސަލްމާން ޚާނާ އެކު ގެނެސްދިން 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.

ރިޕޯޓްތައް ބުނާގޮތުން ސޫރަޖް ތައްޔާރުވާ އަނެއް ދެ ޕްރޮޖެކްޓަކީ ސަލްމާނާ އެކު އޭނާ ހަދަން ނިންމާފައިވާ ފިލްމަކާއި ދަރިފުޅު އަނިވާޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ. އަވިނާޝްގެ ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ހަދާ ޒަމާނީ ލޯބީގެ ފިލްމެކެވެ.

އަޑުތައް އަރާފައިވާ ގޮތުން އޭގެ ބަތަލަކަށް ވަނީ މީޒާން ޖެފްރީ ނަގައިފަ އެވެ. އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާނަކީ 2018 ގެ "މަލާލް" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ހަންގާމާ 2" އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ އަމީތާބާ އެކު ސޫރަޖް ހަދާ ފިލްމުގެ ކުރިން އަވިނާޝްގެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށާއި ދަރިފުޅުގެ ފިލްމުގެ ކަންކަން ވަރަށް ގާތުން އޭނާ ބަލާނެ ކަމަށެވެ. މިއީ އިންޑިއާގެ އިތުރުން ގްއުމުން ބޭރުގައި ވެސް ޝޫޓްކުރާނެ ފިލްމެކެވެ.