Roadha Mihaaru
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖަހަނީ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކޮވިޑް ވެކްސިން ޖަހަން މާދަމާ ހުޅުވާލަނީ

15 ފެބުރުއަރީ 2021

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީވާން މާދަމާ ހުޅުވައިލާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީވާން މާދަމާ ހުޅުވައިލާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ވޯކް ޕާމިޓް އޮތް މީހުންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕޯޓަލްގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ ލިޔެކިޔުމެއް ނެތް މީހުން ޖެހޭނީ ރެޑް ކްރެސެންޓުގެ ބެނެފިޝަރީ ސިސްޓަމްގައި ރަޖިސްޓަރީވާން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިމްޔާ ވިދާޅުވީ، ރެޑް ކްރެސެންޓުގެ މާލެ ގޮފީގެ މައިގްރަންޓް ސަޕޯޓު ސެންޓަރަށް ގުޅުމުން، އެ ސިސްޓަމްގައި ރަޖިސްޓަރީވުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ އެވެ. އެއީ ކޮވިޑް ވެކްސިން ޖަހަން ދިއުމުގެ ރަޖިސްޓަރީ އެވެ. އެ މަސައްކަތް މާދަމާ ފަށައި ދުވާލެއްގެ މައްޗަށް 250 މީހުން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ހިމްޔާ ވިދާޅުވި އެވެ.

މައިގްރެންޓް ސަޕޯޓު ސެންޓަރުގެ ނަމްބަރަކީ 9114584 އާއި 9114512 އެވެ.

ސަރުކާރުން ވަނީ ބިދޭސީން ވެސް ހިމަނައިގެން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ހިލޭ ކޮވިޑް ވެކްސިން ޖަހައިދޭން ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހިމްޔާ ވެސް ވިދާޅުވީ ލިޔެކިޔުމެއް ނެތް ބިދޭސީން ރަޖިސްޓަރީކުރުން އުނދަގޫވާނެ ކަމަށެވެ. އެކަން ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރައްވައި އޭނާ ވަނީ ދަރުމަވެރިންގެ އެހީއަށް އެދިވަޑައިގެންފަ އެވެ.

ރެޑްކްރެސެންޓުން ވަނީ މޮބައިލް ވެކްސިނޭޝަންގެ ހިދުމަތް މިދިޔަ ހޮނިހިރު ދުވަހު ފަށައިފަ އެވެ. މިއީ އުމުރުން ދުވަސްވީ މީހުންނާއި އެނދުމަތި ކޮށްފައިވާ މީހުންނަށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތެކެވެ. މާލެ އާއި އެކި ރަށްރަށުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުތަކަށް ވެސް ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ރާއްޖޭގައި މިހާތަނަށް 38،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ.