Roadha Mihaaru
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން

40،000 ކުއްޖަކަށް ކޮވިޑް ވެކްސިން ޖަހާނެ: އެޑިއުކޭޝަން މިނިސްޓްރީ

15 އޯގަސްޓް 2021

ކޮވިޑުން ދިފާއުވުމުގެ ވެކްސިން އުމުރުން 12-17 އަހަރާ ދެމެދުގެ 40،000 ކުއްޖަކަށް ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުން ދިފާއުވުމުގެ ވެކްސިން އުމުރުން 12-17 އަހަރާ ދެމެދުގެ 40،000 ކުއްޖަކަށް ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ އުމުރުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލު ކުދިން ވެކްސިން ޖަހަން ދާން ޖެހޭ މަރުކަޒުތަކާއި ގަޑިތައް ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދީ ނިމުމުން، ގްރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ކަންކަން ވެސް ކުރިއަށް ދާނެ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވިގޮތުގައި، ސްކޫލުތަކުގެ ވަކި އުމުރުފުރައެއްގެ ކުދިންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން ސްކޫލްތަކަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ފޮނުވައިފަ އެވެ.

"ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ. ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ،" މުޖާހިދު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭ އިން ހެލްތު އޮފިސަރުން ތަމްރީނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުދިންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ވެކްސިން ސެންޓަރެއްގައި އަބަދު ވެސް ޑޮކްޓަރުން ތިއްބަވާނެ ކަމަށް މުޖާހިދު ވިދާޅުވި އެވެ.

ސްކޫލް ކުދިންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.

ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާ ސަރުކާރުގެ އެހީގައި ރާއްޖެ އަށް ވަނީ 128،600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފަ އެވެ. އަދި ފައިޒާ އަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނެވެ.

ރާއްޖޭގައި މިއަދު އަލަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށިއިރު، މިހާތަނަށް ވަނީ 342،793 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 294،364 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.