Roadha Mihaaru
އައިސީޔޫގައި އޮތް 4 މީހުން ވެސް ކޮވިޑްވެކްސިން ނުޖަހާ

އައިސީޔޫގައި ފަރުވާ ދޭ ހަތަރު މީހުން ވެސް ކޮވިޑް ވެކްސިނެއް ނުޖަހާ

15 އޯގަސްޓް 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރު ފަރުވާ ދެނީ ހަތަރު މީހަކަށް ކަމަށާއި އެކަމަކު އެއިން އެކަކު ވެސް އެ ބަލިން ދިފާއުވުމުގެ ވެކްސިން ޖަހާފައި ނެތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރަކު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރު ފަރުވާ ދެނީ ހަތަރު މީހަކަށް ކަމަށާއި އެކަމަކު އެއިން އެކަކު ވެސް އެ ބަލިން ދިފާއުވުމުގެ ވެކްސިން ޖަހާފައި ނެތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރަކު މިރޭ ވިދާޅުވެއްޖެ އެވެ.

އެތެރެހަށީގެ ޑޮކްޓަރު ރަޖިން ޑޭ، ކޮވިޑް ފެސިލީޓިގައި ތިބި ބަލި މީހުންގެ ހާލު މިއަދު ބެއްލެވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހަތަރު މީހުންނަށް ވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އޭނާގެ އެ ޓުވީޓުގެ ބޭނުމަކީ ބެލެވޭ ގޮތުގައި، ކޮވިޑް ވެކްސިން ޖެހުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބާރު އަޅަމުން އަންނައިރު ވެސް އެކަން ފުރިހަމަ ނުކުރުމުން ކޮވިޑް ބަލީގައި އިތުރަށް ހާލު ބޮޑުވެ، ވެންޓިލޭޓަރުގައި ބައެއް މީހުންނަށް ފަރުވާ ދޭންޖެހޭ މައްސަލަ އާންމުންގެ ސަލާމުކަމަށް ގެނައުމެވެ.

ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ގިނަ ބަޔަކު އަދިވެސް ވެކްސިން ނުޖަހާތީ އެންމެ ފަހުން ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަދިވެސް އެޗްޕީއޭ އިން އުއްމީދުކުރާ ވަރަށް މީހުން ވެކްސިން ޖަހާފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ވެކްސިން ޖަހަން ޖެހޭ އާބާދީގެ ހުރިހާ މީހުންނަށް ހަމަވާ ވަރަށް މިހާރު ވަނީ ވެކްސިން ލިބިފަ އެވެ. އަދި މިހާރު ލިބިފައި ހުރި ވެކްސިނުން އަންނަ މަހުގެ 1 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ޖަހައިދޭން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މިހާރު ޖަހައިދެމުން އަންނަނީ އެސްޓްރަޒެނެކާ އާއި ސިނަފޯމް ވެކްސިންނެވެ.

ރާއްޖޭގައި މިއަދު ވަނީ އުމުރުން 12-17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖަހައިދިނުމުގެ ޕްރޮގުރާމް ވެސް ފަށައިފަ އެވެ. މި ޕްރޮގުރާމްގެ ދަށުން 40،000 ކުދިންނަށް ވެކްސިން ދޭނެ އެވެ.

ވެކްސިން ޖަހަން ބާރު އެޅުވުމުގެ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ ނަމަ ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައި ދަތިކުރުމާއި ވަޒީފާ އަށް ނުނިކުމެވޭ ގޮތަށް ވެސް ވަނީ ގަވާއިދުތައް ހަދައިފަ އެވެ. އަދި ދަތުރުކުރުމުގައި ވެކްސިން ނުޖަހާ މީހުންނަށް ލުއި ނުލިބޭ ގޮތް ސަރުކާރުން ވަނީ ހަދައިފަ އެވެ.