Roadha Mihaaru
ޖިހާދު ފުރުން މަނާކުރީ ގާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓު

ޖިހާދު ފުރުން މަނާކުރީ ގާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓު

18 ފެބުރުއަރީ 2021

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދުގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާ ފުރުން މަނާކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދުގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާ ފުރުން މަނާކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ކްރިމިނަލް ކޯޓުގަައި އެދިވަޑައިގަތުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ އޭނާ ފުރައިވަޑައިގަތުމުގެ ހުއްދަ ނުދިނުމަށެވެ. އަދި އޭނާ ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައުލަތުގެ އެދުމުގެ މަތިން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު ޖިހާދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މީހަކު ރާއްޖެއިން ބޭރަށް ދާ ދިއުމަކީ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ހާލަތެއް ނޫން ކަމަށާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެއީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ނެތް ކަމަށާއި ހަމައެކަނި އޮތީ ޖިހާދު އަމިއްލައަށް ކޯޓަށް ހުށަހެޅުއްވި ޓިކެޓެއް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައި ނެތް ކަމަށާއި އަދި އެހާތަނަށް އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ނެތް ކަން އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާ ފިއްލަވަން ހަގީގަތުގައި ވެސް އުޅުއްވި ނަމަ، ކޯޓުގެ ހުއްދަ ނެތި ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޭރު ވެސް އޮތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުރުން މަނާ ކުރުމުގެ އަމުރަށް އެދި ހުށަހަޅަންޖެހޭ ފަދަ ހުށަހެޅުމެއް ޖިހާދުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެއް ނެތެވެ. ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އޭނާއަށް އަމިއްލައަށް ކޯޓުގައި އެދިވަޑައިގަތުމުން ކަމަށާއި އެ ހާލަތުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ހާލަތުގައި ކޯޓުން ނިންމަން ޖެހޭނީ ފުރުމުގެ ހުއްދަ ދެވޭނެތޯ ނުވަތަ ނޫންތޯ އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފަހައްޓަން އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެކަނި ކަމަށާއި އެއީ ޕީޖީއަށް އޮތް ބާރެއް ނޫން ކަމަށެވެ. އަދި ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި މީހުން ފުރުން މަނާކުރަން ޕީޖީން ބޭނުންވާ ނަމަ، އެކަން ކުރަން ޖެހޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތައް މެދުވެރިކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނީ އަމުރުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރުމަށް ފަހު އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ދެމެހެއްޓީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ޖިހާދު ފުރުން މަނާ ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން އޮތީ ނެރެފަ އެވެ.