Roadha Mihaaru
ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު

ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު

19 ފެބުރުއަރީ 2021

ޓިއުރިން (ފެބްރުއަރީ 19) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 4-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް އަނެއް ބުރުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، އާސެނަލް ކުޅުނު މެޗުން ބެންފީކާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ޓިއުރިން (ފެބްރުއަރީ 19) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 4-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް އަނެއް ބުރުގެ ޖާގައަކާ ގާތަށް ޖެހިލިއިރު، އާސެނަލް ކުޅުނު މެޗުން ބެންފީކާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗަކީ ސޮސިއެޑާޑްގެ ހޯމް މެޗެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސްޕެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ވަގުތު އިންގްލެންޑުން ސްޕެއިނަށް ދެވޭނެ ގޮތެއް ނެތުމުން ސޮސިއެޑާޑްގެ ހޯމް މެޗު ކުޅުނީ ޔުވެންޓަސްގެ އަލިއާންޒް އެރީނާގަ އެވެ.

ޔުނައިޓެޑްގެ ފަރާތުން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަނ މި މެޗުގައި އެ ޓީމުގެ ގޯލުތައް ޖެހީ ބްރޫނޯ ފެނާންޑޭސް ދެ ގޯލާއި މާކަސް ރެޝްފޯޑް އަދި ޑެނިއަލް ޖޭމްސް އެވެ. އަންނަ ހަފްތާގައި ކުޅޭ ޔުނައިޓެޑްގެ ހޯމް މެޗުން ބޮޑު ތަފާތަކުން އެ ޓީމު ބަލިވެގެން ނޫނީ މުބާރާތުން ނުކަޓާނެ އެވެ. އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް އަނެއް ބުރުގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ.

އާސެނަލާ ދެކޮޅަށް ބެންފީކާގެ ހޯމް މެޗު ރޭ ކުޅުނީ އިޓަލީގެ ރޯމްގަ އެވެ. އެއީ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޕޯޗުގީސް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އިންގްލެންޑްގެ އެއްވެސް ބަޔަކަށް ޕޯޗުގަލް އަށް އެތެރެވެވެން ނެތުމުންނެވެ. ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 55 ވަނަ މިނިޓްގައި ބެންފީކާ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކީ އަފޮންސޯ ފެނާންޑޭސް އެވެ. އޭގެ ދެ މިނިޓް ފަހުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ.

އަންނަ ހަފްތާގައި ކުޅޭ އާސެނަލްގެ ހޯމް މެޗު ކުޅެން ޝެޑިއުލް ކޮށްފައިވަނީ ގްރީސްގެ އެތަންސްގަ އެވެ. އެއީ އާސެނަލް ދަނޑުގައި މި މެޗު ކުޅެވެން އޮތީ ބެންފީކާ އިން އިންގްލެންޑަށް ގޮސް ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށްގެން ކަމަށްވާއިރު، އެ ގޮތަށް އެ ޓީމުން ބޭނުންނުވާތީ އެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ރަށުންބޭރުގައި އޮސްޓްރިއާގެ ވޯލްފްސްބާގާ އަތުން 4-1 އިން މޮޅުވެފަ އެވެ. ސްލާވިއާ ޕްރާގް ދަނޑުގައި ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އޭސީ މިލާނުން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސްޕެއިނުގެ ގްރަނާޑާ ވަނީ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ 2-0 އިން ބަލިކޮށްފަ އެވެ. ސްޕޯޓިން ބްރާގާ ދަނޑުގައި ކުޅުނު މެޗުން ރޯމާ ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް ދަނޑުގައި ކުޅުނު މެޗުން ވިޔަރެއާލް ކުރިހޯދީ 2-0 އިންނެވެ.