Roadha Mihaaru
ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި

ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި

19 މާޗް 2021

މިލާން (މާޗް 19) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ޓޮޓެންހަމް ލަދުވެތި ގޮތަކަށް މުބާރާތުން ކަޓައިފި އެވެ.

މިލާން (މާޗް 19) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ޓޮޓެންހަމް ލަދުވެތި ގޮތަކަށް މުބާރާތުން ކަޓައިފި އެވެ.

ޔުނައިޓެޑް ވަނީ ރޭ އޭސީ މިލާން ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން 1-0 އިން މޮޅުވެފަ އެވެ. ޔުނައިޓެޑް ކުރިހޯދީ އެގްރިގޭޓަށް ބަލާއިރު 2-1 އިންނެވެ. އަމިއްލަ ދަނޑުގައި އާސެނަލް ރޭ 1-0 އިން އޮލިމްޕިއާކޯސް އަތުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާ އިން އާސެނަލް ވަނީ 3-2 އިން ކުރިހޯދައިފަ އެވެ. ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް 2-0 އިން މޮޅުވި ނަމަވެސް ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް ވަނީ އެ ޓީމު ދަނޑުގައި ކުޅުނު މެޗުން 3-0 އިން މޮޅުވެ ޓޮޓެންހަމް ކަޓުވާލައިފަ އެވެ.

މިދިިޔަ ހަފްތާގައި ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ ރޭ މިލާން ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ކުއާޓާގެ ދޮރު އޮތީ ހުޅުވިފަ އެެވެ. މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕައުލް ޕޮގްބާ އެވެ. މިއީ އަނިޔާގެ ސަބަބުން މަހަކަށް ވުރެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް ޕޮގްބާ ކުޅުނު ފުރަތަމަ މެޗެވެ.

ޔުނައިޓެޑް ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި އެ ޓީމު ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަތުންނެވެ.

އާސެނަލް މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުން ކެޓީ އޮލިމްޕިއާކޯސް އަތުންނެވެ. އޭގެ ބަދަލުހިފައި މި ފަހަރު އާސެނަލް މި ވަނީ އޮލިމްޕިއާކޯސް އަތުން މޮޅުވެފަ އެވެ. ފުރަތަމަ ލެގުގައި އޮލިމްޕިއާކޯސް ދަނޑުގައި އާސެނަލް ވަނީ 3-1 އިން މޮޅުވެފަ އެވެ. އެހެންވެ ރޭގެ މެޗަށް ނުކުތްއިރު ވެސް އާސެނަލަށް ކުއާޓާގެ ފުރުސަތު ބޮޑެވެ. ރޭގެ މެޗުން އޮލިމްޕިއާކޯސް ވަނީ ޔޫސެފް އެލް އަރާބީގެ ގޯލުން 1-0 އިން އާސެނަލް ބަލިކޮށްފަ އެވެ. އެކަމަކު އެގްރިގޭޓަށް ބަލާއިރު ކުރި ލިބޭތީ އާސެނަލް ކުއާޓާގެ ޖާގަ ހޯދީ އެވެ.

ޓޮޓެންހަމް ލަދުވެތި ގޮތަކަށް ކަޓުވާލިއިރު، ޒަގްރެބްގެ ގޯލުތައް ޖަހައި އެ ޓީމުގެ މިސްލާވް އޯރްސިޗް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ތަފާތު މޮޅު ތިން ގޯލު ޖެހި އޯރްސިޗްގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއް ޓޮޓެންހަމަށް ވެސް ލިބުނު މި މެޗުގައި އެ ޓީމަށް އެންމެ ބޯޅައެއް ވެސް ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތުން ބާއްވާނީ މިއަދު އެވެ.

ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދި ޓީމުތައް:

މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، އާސެނަލް (އިންގްލެންޑް)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ގްރަނާޑާ (ސްޕެއިން) ރޯމާ (އިޓަލީ)، ވިޔަރެއާލް (ސްޕެއިން)، އަޔަކްސް (ނެދަލެންޑްސް)، ސްލަވިއާ ޕްރާގް (ޗެކް ރިޕަބްލިކް)