Roadha Mihaaru
ސުޝާންތާއި ރިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް އެޕްރީލްގައި

ސުޝާންތާއި ރިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް އެޕްރީލްގައި

21 ފެބުރުއަރީ 2021

މިދިޔަ އަހަރު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ ޝޫޓިން ނިންމާލައި އަންނަ އެޕްރީލް މަހު ދައްކަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ ޝޫޓިން ނިންމާލައި އަންނަ އެޕްރީލް މަހު ދައްކަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ނަމަކީ "ނާޔާ: ދަ ޖަސްޓިސް" އެވެ. ދިލިޕް ގުލާޓީ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ސުޝާންތުގެ ރޯލު ކުޅުނީ ޒުބާރް ކޭ ޚާނެވެ. އަދި ރިއާގެ ރޯލުން ފެންނާނީ ޝްރެޔާ ޝުކްލާ އެވެ.

މި ފިލްމާ ބެހޭ ގޮތުން ޒުބާރު ބުނީ މިއީ އެއްވެސް ކޮޅަކަށް ބުރަވެ ހަދާފައިވާ ފިލްމެއް ނޫން ކަމަށާއި "ނާޔާ" އަކީ ސުޝާންތާއި ރިއާގެ ގުޅުން ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. އެގޮތުން އެ މީހުންގެ ލޯބި ފެށިގެން އައި ގޮތާއި އޭގެ ފަހުން ދެ މީހުންގެ ގުޅުން ބިނާވަމުން ގޮސް ސުޝާންތުގެ މަރާ ހަމައަށް ގުޅުން އޮތް ގޮތް ދައްކުވައިދޭނެ ކަމަށް ބުންޏެވެ.

"އަހަންނަކީ ވެސް ސުޝާންތު ދަންނަ މީހެއް. އެގޮތުން ދެ މީހުން މާޝަލް އާޓްސް ޓްރޭނިން ހަދަން ދެހާސް ފަނަރަ ހިސާބުގައި އެއް ޖިމަކަށް ވެސް ގޮސް އުޅުނިން." ކަސަމް ތޭރީ ޕިޔާރު ކީ އާއި ސައްޑާ ހަގު އަދި ނާގިން 3 ފަދަ ސިލްސިލާތައް ކުޅުނު ޒުބާރް ބުންޏެވެ.

ސުޝާންތު ޖޫން މަހުގެ 14 ގައި މަރުވުމުގެ ހަފުތާއެއްހާ ކުރިއަށް ރިއާ ދިރިއުޅުނީ ސުޝާންތާ އެކު އޭނާގެ އެޕާޓްމަންޓްގަ އެވެ. އޭނާ މަރުވުމާ އެކު ރިއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި މަސް ދުވަހު ޖަލުގައި ވެސް ބަންދުކުރި އެވެ. ނަމަވެސް މިހާތަނަށް ތަހުގީގަށް ފާހަގަވާން ހުރި ކަންކަމަށް ބަލައި ސުޝާންތުގެ މަރާއި ރިއާއާ އެއްވެސް ގުޅުމެއް އޮތް ކަމަށް ނުފެންނާތީ އޭނާ ޖަލުން ދޫކޮށްލީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

"ނާޔާ" އެޕްރީލްގައި ރިލީޒްކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ. މީގެ ކާސްޓްގައި އަމަން ވަރުމާ އާއި އާސްރާނީ ވެސް ހިމެނެ އެވެ.

ސުޝާންތު މަރުވި ދުވަސްކޮޅު އޭނާގެ ވާހަކަ ކިޔައިދޭން ފުލުފުލުން ގިނަ ފިލްމުތަކެއް އިއުލާންކުރަމުން ގޮސްފައިވެ އެވެ.