Roadha Mihaaru
ހައުސިން މަޝްރޫއު ހުޅުވާލާނީ ހަތަރު ކެޓަގަރީއަކަށް

މި ސަރުކާރުގެ ހައުސިން މަޝްރޫއު ހުޅުވާލާނީ ހަތަރު ކެޓަގަރީއަކަށް

22 ފެބުރުއަރީ 2021

މި އަހަރުގެ ތެރޭގައި މާލޭގައި މަދުވެގެން 5،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުޅުވާލާނީ ހަތަރު ކެޓަގަރީއަކަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ތެރޭގައި މާލޭގައި މަދުވެގެން 5،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުޅުވާލާނީ ހަތަރު ކެޓަގަރީއަކަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް "މިހާރު"އަށް ވިދާޅުވީ ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތަށް ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނަށް ފްލެޓްތައް ޚާއްސަކޮށް ކެޓަގަރީތައް ހެދުމުގެ ބަދަލުގައި މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުން ކަމަށެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހަތަރު ބޭންޑެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިން އާއި މިޑްލް އިންކަމްގެ އިތުރުން ހައި އިންކަމްގެ ކެޓަގަރީގެ މަޝްރޫއުތަކެވެ.

ކައުންސިލް ހައުސިން ފޯރުކޮށްދެނީ ލޯނެއް ނަގައިގެން ނުވަތަ މަހުން މަހަށް ފައިސާ ދެއްކުމުގެ ގާބިލްކަން ނެތް މީހުންނަށެވެ. މިތަންތަން ހުޅުވާލާނީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްތައް މެދުވެރިކޮށް މާކެޓް ރޭޓަށް ވުރެ ކުޑަ އަގެއްގަ އެވެ. ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް ހަދައި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް މި ނިޒާމުގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖައްސަން އޮތީ ނިންމައިފަ އެވެ. މި ތަންތަން އާންމު ގޮތެއްގައި ބޭނުންކުރާނީ، އަމިއްލަ ބޯހިޔާވަހިކަމެއް ހަމަޖެހެންދެން ވަގުތީ ގޮތުން އުޅޭ ތަންތަނުގެ ގޮތުގަ އެވެ.

"މިތަންތަން މިލްކެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލައަށް ފައިސާ ދެއްކުމުގެ ފުދުންތެރިކަން ހުރި މީހުންނަށް އެފޯޑަބަލް ހައުސިން ކެޓަގަރީ ހުޅުވާލާނީ މަހުން މަހަށް ފައިސާ ދައްކައި 20-25 އަހަރުން އެ ތަނެއް މިލްކުކުރެވޭ ގޮތަށެވެ. ކުޑަ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭ މި ކެޓަގަރީގައި ލޯނަށް ދާކަށް ނުޖެހޭނެ އެވެ.

އަސްލަމް ވިދާޅުވީ މެދު ފަންތީގެ ހައުސިންގައި ފްލެޓްތަކުގެ އަގު ސަރުކާރުން ކޮންޓްރޯލްކުރާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ އެއިން ތަނެއްގެ އަގުގެ ގޮތުގައި "1.4 މިލިއަން ރުފިޔާ ކަނޑައަޅައި ފްލެޓަށް އަމިއްލަ އާމްދަނީން ނުވަތަ ލޯނަކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނީ" ކަމަށެވެ.

އޭގެ ފަހުން އަންނަނީ ހައި އިންކަމް ކެޓަގަރީއަށް އަމާޒުކޮށްފައިވާ މަޝްރޫއުތައް ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހުރިހާ ކެޓަގަރީތަކަށް ވިސްނައިގެން ފްލެޓް އަޅައި ދޫކޮށްގެން ނޫނީ ބޯހިޔާވަހިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން އުނދަގޫވާނެ އެވެ. އެގޮތަށް ބޯހިޔާވަހިކަމަށް ހުޅުވާލައި އެ މީހަކު ފެތޭ ކެޓަގަރީއެއް ބަލަން އިވެލުއޭޝަނެއް ހަދާނެ އެވެ.

ބައެއް މީހުންނަކީ ސަރުކާރުން އެހީވެގެން ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހޭ މީހުން ކަމަށާއި އޭގެ އިތުރުން ލިބޭ އާމްދަނީއަށް ބަލައި ބޯހިޔާވަހިކަން ހޯދޭނެ ގޮތަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރު ވެސް ދެކެވަޑައިގަންނަވަ އެވެ.

އަސްލަމް ވިދާޅުވީ މި އަހަރުގެ ތެރޭގައި 5،000 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އޮތީ ލަފާކޮށްފައި ކަމަށެވެ. މިހާރު ވެސް ބައެއް ތަންތަން ކުރިއަށް އެބަ ދާ ކަމަށާއި މިސާލެއްގެ ގޮތުގައި ދެއްކެވީ އެޕޯލޯ އިން ހުޅުމާލޭގައި އަޅާ 1،000 ފްލެޓެވެ. އޭގެ އިތުރުން 1،300 ފްލެޓާއި 2،000 ފްލެޓު އަދި ދެ ޕްރޮޖެކްޓެއްގެ ތެރެއިން ރާއްޖޭގެ ކުންފުނިތަކަށް 350 ފްލެޓް ހަވާލުކޮށް މަަސައްކަތް ދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.